އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާ މަޝްވަރާ ކުރައްވައިފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ވިދާޅުވީ އައްޑޫގެ ހުރިހާ އެމްޕީން ބައިވެރިވެ، ނައިބް ރައީސާއި ހަލްތް މިނިސްޓަރާ ރޭ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ކޮވިޑް-19އާ ގުޅިގެން އައްޑޫގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މަޝްވާރާ ކުރެވިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އައްޑޫގައި ޓެސްޓުގެ ހިދުމަތާއި ގުޅޭގޮތުން ހުރި މައްސަލަތަށް ހައްލުވެގެން ދާނެ ކަމަށްވެސް ރޮޒައިނާ ވިދާޅުވެއެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމަކީ:

  • އައްޑޫން ވީހާވެސް އަވަހަކަށް ޓެސްޓް ކުރަން ފެށުން
  • ޕީޕީއީ ލިބޭން އިންތިޒާމްތައް
  • ކަރަންޓީން ފެސިލިޓީތަށް އިތުރު ކުރުމާއި އެ ތަންތަނުގެ ސެކިއުރިޓީގެ ކަންކަން
  • ޕޮލިސް ހިދުމަތް ވަރުގަދަ ކުރުން
  • މާލޭގައި ތާށިވެފައި ތިބި އައްޑޫގެ ރައްޔިތުންގެ ކަންކަން ހައްލުކުރުން
  • އެހީގެ ގޮތިގައި ލިބޭ ތަކެތި ފަސޭހައިން އައްޑޫއަށް ފޮނުވޭނެ ގޮތް ހަމަޖެއްސުން

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ނައިބު ރައީސާއި ހެލްތް މިނިސްޓަރި، ވަނީ ޕީޕީއީ ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށާއި، އަދި މި މަހުގެ ނިޔަލަށް ޓެސްޓް ކުރެވޭނެ ގޮތް ހަމަޖެހޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ކަމަށެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވެފައި ވާއިރު، އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވާތީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރޭ ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އައްޑުއަށް ނިސްބަތްވާ 7 ގޮނޑިއަކީވެސް އެމްޑީޕީގެ ގޮނޑިއަށް ވާއިރު، ޝިޔާމް އެމައްސަލަ މަޖިލީހަށް ހުށަހެޅުމާ ހަމައަށް އައްޑުއަށް ދިމާވެފައި އޮތް އެ މައްސަލަ ހައްލުކުރުމަށް އެ 7 މެންބަރުންގެ ފަރާތުން ކަމެއް ކުރިތަން ފެނިފައެއް ނުވެއެވެ.