މިއަދުގެ މި ވަގުތާ ހިސާބަށް ޗައިނާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ 17 މީހަކު ފާހަގަކުރެވިފައިވާކަމަށާ، މީގެ ތެރޭގައި ލޯކަލް ޓްރާންސްމިޝަންގެ ގޮތުގައި ފާހަގަކުރެވުނު 10 ކޭހެއްވެސް ހިމެނޭ ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަން (އެން.އެޗް.ސީ)އިން ބުނީ، ލޯކަލް ޓްރާންސްމިޝަންގެ ގޮތުގައި ފާހަގަކުރެވުނު 10 ކޭހުގެ ތެރެއިން 5 ކޭސް ފާހަގަކުރެވިފައިވަނީ ވޫހާން ސިޓީއިން ކަމަށެވެ. ވޫހާން ސިޓީއަކީ، 2019 ވަނަ އަހަރުގެ ފަހުކޮޅު، ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ސަރަހައްދު، ނުވަތަ ކޮވިޑް-19ގެ 'ގްރައުންޑް ޒީރޯ' އެވެ.

އާ ކޭހެއް ރިޕޯޓް ނުކުރާތާ ގާތްގަނޑަކަށް 1 މަސްދުވަސް ފަހުން، ވޫހާންއިން ކޮވިޑް-19ގެ ކޭހެއް ފެނިފައިވާކަން ފުރަތަމަ ފަހަރަށް އިއުލާންކުރީ އިއްޔެގެ ވަގުތެއްގައެވެ. މިއާއެކު، ކޮވިޑް-19ގެ ބަލިމަޑުކަމުގެ 2 ވަނަ ރާޅެއްގެ ކަންބޮޑުވުންވަނީ އިންތިހާ ދަރަޖައަށް އުފުލިފައެވެ. ވޫހާންގެ އެއް ޑިސްޓްރިކްޓްއަކީ މީޑިއަމް ރިސްކް ޒޯންއެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ދެން ހުރީ ލޯ ރިސްކް ޒޯން ތަކެކެވެ.

ކަންމިހެން އޮތްއިރު ޗައިނާގެ އުތުރުއިރުމަތީ ސަރަހައްދުތަކުން ލިބެމުންދަނީ ބިރުވެރި މެސެޖެކެވެ. ޖިލިން ޕްރޮވިންސްގެ ޝޫލާން ސިޓީއިންވަނީ ލޮކްޑައުން އަމުރު އިއުލާންކޮށް ތަންފީޒުކުރަން ފަށާފައެވެ. އިއްޔެ އެކަނިވެސް މި ސަރަހައްދުން 11 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

އެން.އެޗް.ސީގެ ރެކޯޑްތަކަށް ބަލާއިރު ޗައިނާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 82918 އެވެ. އެސިމްޓޮމެޓިކް ނުވަތަ ބޭރު ފުށުން ބަލީގެ އަލާމާތްތައް ނުފެންނަ 780 މީހަކު މެޑިކަލް އޮބްޒަވޭޝަންގައި އެބަތިބި ކަމަށާ، މީގެ ތެރެއިން 12 ކޭހަކީ އަލަށް ފާހަގަކުރެވުނު ކޭސްތަކެއް ކަމަށްވެސް އެން.އެޗް.ސީއިން ވަނީ ހާމަކޮށްފައެވެ. ޗައިނާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 78144 މީހަކަށް ޝިފާ ލިބި، ބަލިން ރަނގަޅުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި، މި ބަލީގައި ޗައިނާއިން 4600 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.