އޭޑީކޭ ހޮސްޕިޓަލުގައި މަސަައްކަތްކުރާ ބިދޭސީ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
'ދަ ޕްރެސް' ގެ ފަރާތުން މިކަމާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް އޭޑީކޭ އަށް ގުޅުމުން އޭޑީކޭގެ މެނޭޖިން ޑައިރެކްޓާ އަހުމަދު އައްފާލް ވިދާޅުވީ 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރޭގައި އެއްވެސް ޑޮކްޓަރެއް އަދި ނަރުހެއް ނުވަތަ އެއްވެސް ޓެކްނިކަލް މުވައްޒަފަކު ނުހިމެނޭ ކަމަށެވެ.
މީގެ އިތުރުން އައްފާލް ވިދާޅުވީ ކޮވިޑާ ގުޅިގެން ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށާއި އޭގެ ތެރޭގައި ޕްރިވެންޝަނަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމާއި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާފައި ވާނެ ކަމަށެވެ.
އެގޮތުން އެއްވެސް މުވައްޒަފެއްގެ ކިބައިން ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ އޭޑީކޭގެ އެސްއޯޕީ ނުވަތަ ޕްރޮޓޮކޯލް ގެ ތެރެއިން ވަކި ބަޔަކަށް އެކަން އެންގުމާ އެކު އެމީހަކު އެ ވަގުތުން ފެށިގެން ކަރަންޓީން ވާނެ ކަމަށާއި ހޮސްޕޮޓަލުގެ ވަޒީފާއަށް ނުނިކުމެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޕޮޒިޓިވް ވި މީހުން އުޅޭ އެކުމަޑޭޝަންގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ފަސް މީހެއްގެ ކިބައިންސިމްޕްޓަމްސް ފެނިފައިވާ ކަމަށެވެ. އެ އެކޮމަޑޭޝަން ބްލޮކް ހުންނަނީ ހުޅުމާލޭގައެވެ.
އެހިސާބުން ހޮސްޕިޓަލުން އިނީޝިއޭޓްކޮށް އެކޮމޮޑޭޝަން ބްލޮކް އެއްކޮށް ކަރަންޓީން ކުރެވި އެއިން އެއްވެސް މުވައްޒަފަކު ވަޒީފާއަށް ނުނެރޭ ކަމަށްވެސް އައްފާލް ވިދާޅުވިއެވެ. އެއަށް ފަހު އެޗްޕީއޭގެ ޕްރޮޓޮކޯލްގެ ތެރެއިން ސިމްޕްޓޮމްސް ހުރި ފަސް މީހުންނާއި އިތުރު 10 މީހެއްގެ ރެންޑޮމް ސާމްޕަލިން ނަގާ، ޓެސްޓް ކުރުމަށް ފަހު އޭގެ ތެރެއިން 12 މީހަކު ޕޮޒިޓިވް ކަން އެނގިފައިވާ ކަމަށާއި މިހާރު އެ އެންމެންވެސް ވަނީ އައިސޮލޭޝަން ފެސިލީޓިއަކަށް ގެންދެވިފައި ކަމަށެެވެ. ދެންތިބި އެންމެން ތިބީ އެ އެކޮމޮޑޭޝަން ބްލޮކްގައި ކަރަންޓީންގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މީހުންވެސް މިހާރު ކަރަންޓީން ފެސިލިޓީ އަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް އައްފާލް ވިދާޅުވިއެވެ.