ކޮވިޑް19 އަށް އިތުރު ހަތް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބަންގްލަދޭޝް 3 މީހުންނާއި ދެ ދިވެހިންގެ އިތުރުން އިންޑިއާ ދެ މީހަކު މިއަދު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއާއި އެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ 904 އަށް އަރާފައެވެ.

ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ. މިހާރު މި ބަލި ޖެހިފައިވާ ބަންގްލަދޭޝް މީހުންގެ އަދަދު ވަނީ 495 އަށް އަރާފައެވެ. އަދި މިބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ 304 އަށް އަރާފައެވެ. ތިންވަނަ އަށް އެންމެ ގިނައިން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިންޑިއާ މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަދި މީގެ އިތުރުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 31 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.