ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަދު 4.1 މިލިއަނަށްވުރެ ގިނަ މީހުން އެ ބައްޔަކަށް ޕޮޒިޓިވްވެފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ ޗައިނާއިން ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. ނަމަވެސް ބަލިމަޑުކަން ފެށިގެން އައި ގޮތާ މެދު ޗައިނާއިން އާންމުކުރަމުންދާ ވާހަކަތަކަކީ އެންމެ ތެދުވެރިކަމާއެކު، ދެފުށް ފެންނަ، ހާމަކަން ބޮޑު އުސޫލަކުން ބަޔާންކޮށްދޭ ވާހަކަތަކެއް ކަމާ މެދު ސުވާލު އުފައްދާ މީހުންގެ އަދަދު އިންތިހާއެވެ.
ކަންމިހެން އޮތް އިރު ޗައިނާއިން ކޮވިޑް-19ގެ ކޭސްތައް ފެށިގެން އައި ގޮތާ، ބަލިމަޑުކަމުގެ ކުރީ ކޮޅުގައި އަޅަންފެށި ބައެއް ފިޔަވަޅުތަކަށް ނަޒަރު ހިންގާލުން މުހިންމެވެ.
01 ޑިސެމްބަރު – ދަ ލޭންސެޓް މެޑިކަލް ޖާނަލް ބުނާ ގޮތުގައި މިއީ ކޮވިޑް-19ގެ އަލާމާތްތައް ޗައިނާއިން އެންމެ ފުރަތަމަ ފެންނަން ފެށި ދުވަހެވެ. ނަމަވެސް، މި ބަލީގެ ކޭސްތައް ނޮވެމްބަރު މަހުވެސް އުޅުނުކަމަށް ބެލެވެއެވެ.
27 ޑިސެމްބަރު – 2000ގެ އަހަރުތަކުގެ ކުރީކޮޅު ފެތުރިގެންދިޔަ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ރޯގާއާއި ދާދި އެއް ގޮތް ރޯގާއެއް އުޅޭ ކަން، ހޫބޭ ޕްރޮވިންސްގެ ޕްރޮވިންޝަލް ހޮސްޕިޓަލުގެ ޑޮކްޓަރަކު، ޗައިނާގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައެވެ.
އޭރު މި ބަލީގެ ކޭސްތައް ދިޔައީ އިތުރުވަމުންނެވެ.
30 ޑިސެމްބަރު – "ކިހިނެއްކަން ނޭނގި" އާދަޔާ ހިލާފު ނިއުމޯނިއާ ކޭސް އިތުރުވަމުންދާ ކަމަށް، ވޫހާންގައި ތިއްބެވި ހެލްތް ކޮމިޝަނުގެ އޮފިޝަލުން އެންގެވިއެވެ. އަދި ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މިކަމަށް ޝައްކު ކުރެވުނު ކޭސްތައް ރިޕޯޓްކުރަން އެނގެވިއެވެ.
ބައްޔަށް ތުހުމަތު ކުރެވޭ ޕޭޝަންޓްއެއްގެ މެޑިކަލް ރިޕޯޓްތައް ވޫހާން ސެންޓްރަލް ހޮސްޕިޓަލުގެ އިސް ޑޮކްޓަރެއް ކަމަށްވާ އެއީ ފެންއަށް ލިބިވަޑައިގަތީވެސް ހަމަ މިދުވަހުއެވެ.
ޑރ އެއި، އެ ރިޕޯޓްތަކުގެ ފޮޓޯ ނަންގަވާ، ޑޮކްޓަރުންގެ ކޮމިއުނިޓީ ތެރޭގައި ސާކިއުލޭޓް ކުރެއްވިއެވެ.
ދެން ފެނިގެންދިޔައީ ވޫހާން ސެންޓްރަލް ހޮސްޕިޓަލުގެ އެހެން ޑޮކްޓަރެއް ކަމަށްވާ ޑރ ލީ ވެންލިއާންގް، ބަލިމަޑުކަމެއްގެ އިންޒާރު ދެއްވިތަނެވެ. އިންފެކްޝަންއާ ދުރުވުމަށް ރައްކާތެރިކަމުގެ ގިއަރު ބޭނުން ކުރުމަށް އޭނާ އިރުޝާދު ދެއްވިއެވެ. އޭގެ ފަހުން ޗައިނާގެ ކަމާބެހޭ ފަރާތްތަކުން، ޕަބްލިކް ސެކިއުރިޓީ ބިއުރޯއަށް ޑރ ލީ ހާޒިރުކުރެއްވިއެވެ. އަދި އަސްލެއް ނެތް ވާހަކަތަކެއް ދެއްކެވުމާ، އިޖުތިމާއީ އާންމު މިންގަނޑަށް ބުރޫ އަރަނިވި ކަންކަން ކުރެއްވި ކަމުގެ ތުހުމަތު ޑރ ލީއަށް އަމާޒު ކުރެއްވިއެވެ.
31 ޑިސެމްބަރު - އަލަށް ފެނިގެން އުޅޭ ވައިރަލް ނިއުމޯނިއާއާއި ގުޅުން ހުރި 27 ކޭހެއް ތަހުގީގު ކުރަމުން އަންނަކަން ޗައިނާގެ އޮފިޝަލުން ކަށަވަރުކޮށްދެއްވިއެވެ.
7 މީހެއްގެ ހާލު ސީރިއަސްވި ނަމަވެސް، އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ބަލި ފެތުރެމުންދާކަމުގެ އެއްވެސް ހެއްކެއް ފާހަގަކުރެވިފައި ނުވާކަމަށްވެސް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވިދާޅުވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ސަމާލުކަމަށް، ޗައިނާއިން މިކަން ގެނައީވެސް މި ދުވަހުއެވެ.
1 ޖެނުއަރީ – އާދަޔާ ހިލާފު ނިއުމޯނިއާއަކާ ހަނގުރާމަކުރަމުންދާކަމަށް، ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމު "ވީޗެޓް"ގައި ވޫހާންގެ ހޮސްޕިޓަލަކުން ޕޯސްޓްކުރިއެވެ.
ދޮގު ޚަބަރު ފެތުރިކަމުގެ ތުހުމަތުގައި، ހޮސްޕިޓަލުގެ ޑިސިޕްލަނަރީ ކޮމިޓީއިން އޭނާއާއި މެދު ހިތްހަމަނުޖެހިފައިވާކަން ޑރ އެއި ހާމަކުރެއްވިއެވެ. ވޫހާޏްގެ ޕަބްލިކް ސެކިއުރިޓީ ބިއުރޯއިން 8 މީހަކު ހައްޔަރުކުރިއެވެ. އެއީ ވައިރަހާ ގުޅޭ ދޮގު ޚަބަރު ފެތުރިކަމުގެ ތުހުމަތުގައެވެ.
ކުއްލި ނުރައްކަލެއްގެ ފުރުސަތު އޮތްކަމަށް ބަލާ، ޑަބްލިއު.އެޗް.އޯއިން ތައްޔާރު ވަމުންދިޔައެވެ.
"އާދަޔާ ހިލާފު ނިއުމޯނިއާ"ގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކުރަމުންދިޔަ ހުނާން ސީފުޑް ހޯލްސޭލް މާކެޓް ބަންދު ކުރުމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ނިންމީވެސް މި ދުވަހުއެވެ.
3 ޖެނުއަރީ – ޗައިނާގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވާން ފެށިއެވެ. ބަލިމަޑުކަމާ ގުޅޭ ވާހަކަތަށް ހާމަ ކުރަމުން ދިޔަ ހޮސްޕިޓަލުގެ މުވައްޒަފުންގެ އަޑު ކަނޑުވާލުމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރާ ކަމުގެ ތުހުމަތު ފެންމަތިވިއެވެ.
ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން މިހާރު ވަނީ މިފަދަ ވަރަށް ގިނަ ޕޯސްޓްތައް ސެންސަރުކޮށް، އޮންލައިން ވިއުގާއިން ނަގާފައެވެ.
ވޫހާންގެ ސިއްހަތާ ބެހޭ އިދާރާތަކުން ބުނީ ބަލިމަޑުކަން ތަހުގީގު ކުރަމުންދާކަމަށާ، އެއް އިންސާނެއްގެ ހަށިގަނޑުން އަނެއް އިންސާނެއްގެ ހަށިގަނޑަށް ވައިރަސް ފެތުރިފައި ނުވާކަމަށެވެ.
7 ޖެނުއަރީ – ފެތުރެމުންދާ ބަލިމަޑުކަމާ ބެހޭ ގޮތުން ޗައިނާގެ އެންމެ އިސް ލީޑަރުން މަޝްވަރާކުރެއްވިއެވެ. މި ބޭފުޅުންގެ ތެރޭގައި ރައީސް ޝީ ޖީންޕިންގްވެސް ހިމެނިވަޑައިގަންނަވައެވެ. މަޝްވަރާތައް ކުރިއަށްދިޔައީ ޕޮލިޓްބުއުރޯގެ ސްޓޭންޑިންގް ކޮމިޓީއެއްގައި ކަމުން، ކުރީގެ ތާރީހަކުން ފެށިގެން މި ކަމުގެ މައުލޫމާތު، ޗައިނާގެ ކަމާބެހޭ ފަރާތްތަކަށް ލިބިފައި އޮތްކަމަށް ބައިނަލްއަގުވާމީ މީޑިއާ ބުރަވިއެވެ.
8 ޖެނުއަރީ – ފެތުރެމުންދާ އާދަޔާ ހިލާފު ބަލިމަޑުކަމާ ގުޅުންހުރި ދިރާސާތައް ކުރުމަށް ތަޖުރިބާކާރުންގެ 2 ވަނަ ޓީމެއް ފޮނުވުނެވެ.
9 ޖެނުއަރީ – އަލަށް ފެތުރެމުންދާ ބަލިމަޑުކަން ކުރިމަތިވި ކުރުވި ކޮރޯނާވައިރަސް ގެ ޖެނޯމްއެއް ޗައިނާއިން އާންމު ކުރިއެވެ. އަދި މިއީ ސާސް އާއި މާސް ރޯގާގެ އާއިލާއަށް ނިސްބަތްވާ ވައިރަހެއް ކަމަށް ބުންޏެވެ. މިއާއެކު، ވައިރަހުގެ ޓެސްޓުތައް ކުރުމަށް ސައެންސްވެރިންނަށް ފުރުސަތު ހުޅުވިގެންދިޔައެވެ.
11-17 ޖެނުއަރީ – ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) އިން ހޫބޭ ޕްރޮވިންސްއާއި ގުޅުންހުރި މުހިންމު، އަހަރީ، ސިޔާސީ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔައެވެ. މިމުއްދަތުގައި ކޭސްތައް އިތުރުވިކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.
13 ޖެނުއަރީ – ޗައިނާއިން ބޭރުން މި ބަލި ފެނިގެން ފުރަތަމަ ފަހަރަށް ރިޕޯޓްކުރިއެވެ. ޑަބްލިއު.އެޗް.އޯއިން ބުނި ގޮތުގައި އެއީ ވޫހާންއިން ދަތުރުކުރި މީހެކެވެ. ތައިލަންޑްގެ އޮފިޝަލުންނަށް އެމީހާ ފާހަގަކުރެވުނީ ޖަނަވަރީ 8 ވަނަ ދުވަހު ކަމަށާ، ހޮސްޕިޓަލަށް އެމީހާ ގެންދިޔައީ އެ ދުވަހުކަމަށްވެސް ޑަބްލިއު.އެޗް.އޯއިން ހާމަކުރީ މި ދުވަހުއެވެ.
14 ޖެނުއަރީ – ޗައިނާގައި ފެތުރެމުންދިޔަ ބަލިމަޑުކަމަކީ އެއް އިންސާނެއްގެ ހަށިގަނޑުން އަނެއް އިންސާނެއްގެ ހަށިގަނޑަށް ފެތުރޭ ބަލިމަޑުކަމެއްކަމަށް ބާރުދޭ އެއްވެސް ހެއްކެއް، ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ކުރިއަށް ގެންދިޔަ އިބްތިދާއީ ތަހުގީގުތަކަށް ހޯދިފައި ނުވާކަމަށް ޑަބްލިއު.އެޗް.އޯއިން ކުރި ޓްވީޓްއެއްގައި ބުންޏެވެ.
ނަމަވެސް ހޮސްޕިޓަލުތަކަށް އަންނަ ޕޭޝަންޓުންނަށް ބަލާ، މިއީ އަދި ހަގީގަތް ނޫން ކަމަށް ހޮސްޕިޓަލިތަކުން ބުނަމުންދިޔަކަމަށް ބުނާ ރިޕޯޓްތަކެއްވެސް އާންމުވާން ފެށިއެވެ.
15 ޖެނުއަރީ – ވޫހާންއިން އެމެރިކާއަށް ދަތުރުކުރި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވިއެވެ.
20 ޖެނުއަރީ – ޗައިނާގެ އެހެން ސަރަހައްދުތަކުންވެސް މި ބަލިމަޑުކަން ފެންނަމުންދިއުމާއެކު، މިއީ އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ފެތުރޭ ބަލިމަޑުކަމެއް ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަންގެ ސިއްހީ ތަޖުރިބާކާރުންގެ ގުރޫޕުން ފުރަތަމަ ފަހަރަށް ހާމަކުރިއެވެ.
ދެކުނު ކޮރެއާއިން މި ބަލި ފެނިގެން ފުރަތަމަ ފަހަރަށް ރިޕޯޓްކުރީވެސް މި ދުވަހުއެވެ.
20-21 ޖެނުއަރީ – ސީދާ ފީލްޑްގައި ދިރާސާކުރުމަށް ޑަބްލިއު.އެޗް.އޯގެ ވަފުދެއް ވޫހާންއަށް ދަތުރުކުރިއެވެ. އެ ޓީމުންވެސް ބުނީ އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ވައިރަސް ފެތުރޭކަމަށް ބާރުދޭ ހެކި ލިބިފައިވާކަމަށާ، ނަމަވެސް އިތުރު ދިރާސާތައް ހަދަންޖެހޭ ކަމަށެވެ.
21 ޖެނުއަރީ – ޗައިނާގެ ދައުލަތުން އޮޕަރޭޓް ކުރާ އެންމެ ވަރުގަދަ އެއް ދުވަހު ނޫސް ކަމަށްވާ ޗައިނާ ޑެއިލީއިން ފުރަތަމަ ކޮރޯނާވައިރަހަށް އިޝާރާތްކުރިއެވެ. އަދި މިކަމާ ކުރިމަތިލުމަށް ޝީގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ވާހަކަ ބަޔާންކުރިއެވެ.
އެހާ ތަނާ ޖެހެންދެން ޗައިނާގެ ދައުލަތުގެ މީޑިއާއިން މި ބަލިމަޑުކަމަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ދީފައެއް ނުވެއެވެ. މުޅިންހެންވެސް ގެނެސްދެމުންދިޔައީ ޗައިނާގެ އާ އަހަރުގެ މުނާސަބާއަށް ވަމުންދާ ތައްޔާރީތަކުގެ ވާހަކައެވެ.
އަލަށް ފެނުނު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ 291 ކޭހެއް އޮތްކަން ޗައިނާގެ ދައުލަތުގެ މީޑިއާއިން ހާމަކުރީ މި ދުވަހުއެވެ.
ކަންމިހެން އޮތްއިރު ޗައިނާއިން މައުލޫމާތު ފޮރުވާކަމަށް ބުނެ ބައިނަލްއަގުވާމީ ފެންވަރުގައި ކުރިމަތިކުރަމުންދިޔަ ޕްރެޝަރަ ޖަވާބު ދެމުން ޗައިނާގެ ސިޔާސީ އެންމެ އިސް ގޮފިން ވަނީ އަމިއްލަ މަސްލަހަތަށްޓަކައި ވައިރަހުގެ ވާހަކަތައް ފޮރުވާ މީހުންނަށް ހަރުކަށި އިންޒާރެއް ދީފައެވެ.
ޑަބްލިއު.އެޗް.އޯއިން އޭރު ދިޔައީ، މި ރޯގާއަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލ ނުރައްކަލަކަށް ވެދާނެތޯ ބަލާ، މަޝްވަރާ ކުރަމުންނެވެ.
23 ޖެނުއަރީ – ވޫހާން އާއި ކައިރި ސިޓީތައް ލޮކްޑައުން ކުރިއެވެ.
އަދި މި ރޯގާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަރަޖާގައި އޮތް ކަމެއް ނޫންކަމަށް ކަނޑައެޅުމަށް ޑަބްލިއު.އެޗް.އޯއިން ނިންމިއެވެ.
23-25 ޖެނުއަރީ – ސުމަކުން ފަށައިގެން ބޮޑު 2 ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ޗައިނާއިން ފެށިއެވެ.
24 ޖެނުއަރީ – ޗައިނާގެ ހުރިހާ ހިސާބެއްގައި ވަލުޖަނަވާރު ގަނެވިއްކުމުގެ ވިޔަފާރި ކުރުން މަނާކުރުމަށް ޗައިނާ ސަރުކާރުން ނިންމިއެވެ.
24-30 ޖެނުއަރީ – ޗައިނާގެ އާ އަހަރުގެ ޗުއްޓީއާއިގެން ކުރިއަށް ދިޔައެވެ. މި މުއްދަތަކީ ޗައިނާ ތެރޭގައި އެތައް މިލިއަން ބަޔަކު އެކި ކޮޅުކޮޅުމައްޗަށް ދަތުރުކުރާ ޗުއްޓީގެ މުއްދަތެކެވެ. މި ދުވަސްވަރާ ދިމާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށްވެސް ޗައިނާގެ ރައްޔިތުން ދަތުރުކުރެއެވެ.
25 ޖެނުއަރީ – ގައުމުން ފުރާ ހުރިހާ އެންމެންގެ ސިއްހީ ހާލަތު، ކަމާބެހޭ ފަރާތްތަކަށް ބަޔާންކޮށްދިނުމަށް ޗައިނާގެ އޮފިޝަލުން ލާޒިމުކުރިއެވެ.
28 ޖެނުއަރީ – ޑަބްލިއު.އެޗް.އޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްއާއި ޝީ، ބަލިމަޑުކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މިއީ ޑަބްލިއު.އެޗް.އޯއިން އެންމެ އިސް ސަމާލުކަމެއް ދޭ ކަންތައްތަކްނ ޑރ ޓެޑްރޯޒް ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.
30 ޖެނުއަރީ – މި ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާ ދަރަޖައަށް އުފެދިފައިވާ އާންމު ސިއްހަތު ކުއްލި ނުރައްކަލުގެ ދަރަޖާގައި އޮތް ބަލިމަޑުކަމެއް ކަމުގައި ޑަބްލިއު.އެޗް.އޯއިން ކަނޑައެޅިއެވެ. އޭރު ޗައިނާއިން ބޭރުން، 82 ކޭހެއް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
ކަންމިހެން އޮތްއިރު، އަދާ ޖެހުނުއިރުވެސް މި ބަލި ޖައްސާ ސާސް-ކޯވް-2 ވައިރަހުގެ ހަގީގީ ފެށުމަކީ ކޮބައިކަން ހޯދިފައެއް ނުވެއެވެ. މިއީ ޗައިނާގެ ލެބެއްގެ އުފެއްދުމަށް ކަމަށް ބުނާއިރު، ޗައިނާއިން ދަނީ މި ތުހުމަތަށް އިންކާރު ކުރަމުންނެވެ.