ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު، ޗައިނާގެ އާންމު ސިއްހަތު ނިޒާމު ބަލިކަށިވެފައިވާ މިންވަރު ހާމަވެފައިވާކަމަށް ޗައިނާގެ ސިއްހަތާ ބެހޭ އިސް އޮފިޝަލަކު ހާމަކުރައްވައިފިއެވެ.

މިފަދަ ކަމަކަށް އިއުތިރާފުވުމަކީ، ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ވަރަށް މަދުން ނޫނީ ނުކުރާ ފަދަ ކަމެކެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުގެ ޑެޕިއުޓީ ހެޑް ލީ ބިން ވިދާޅުވީ، ކޮވިޑް-19އަކީ ޗައިނާގެ ކެޕޭސިޓީއާއި ވެރިކަން ކުރުމުގެ ނިޒާމަށް ކުރިމަތިވި ބޮޑު އިމްތިހާނެއް ކަމަށެވެ. މި ބަލިމަޑުކަމާ ކުރިމަތިލަމުން ދިޔައިރު، ބަލިމަޑުކަމުން ދުރުވުމާ، ކޮންޓްރޯލް ކުރުމާ، އާންމު ސިއްހަތާ ގުޅުންހުރި ނިޒާމުތަކުގައި ބަލިކަށި ކަންތައްތަކެއް ހުރިކަން ހާމަވެގެން ދިޔަ ކަމަށްވެސް ލީ ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން މިހާރު އަމާޒު ހިފާފައިވަނީ ބަލިތަކުން ދުރުވުމާ، އާންމު ސިއްހަތު ނިޒާމާ، މައުލޫމާތު އެއްކުރުމުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމާ ދިމާލަށް ކަންވެސް ލީ ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށީ ޗައިނާގެ ވޫހާން ސިޓީއިން ކަމަށްވާއިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންދަވަނީ، މި ބަލިމަޑުކަމުގައި ޗައިނާއިން އަމަލުކުރަމުންދާ ގޮތަށް އިންތިހާއަށް ފާޑުވިދާޅުވަމުންނެވެ. އަދި ޗައިނާއަށް ބޮޑެތި ތުހުމަތުތަކެއްވެސް އަމާޒު ކުރައްވަމުންނެވެ.

ޗައިނާގެ އަދުގެ ހާލަތަށް ބަލާއިރު މިއަދު 14 ކޭހެއް އަލަށް ރިޕޯޓްކޮށްފައިވާއިރު، އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 82901 އަށް އަރާފައެވެ. ޗައިނާގައި އެކްޓިވް ކޭހުގެ ގޮތުގައި މިވަގުތު ފަރުވާ ދެމުންދަނީ 148 މީހަކަށް ކަމަށްވާއިރު، މީގެ ތެރެއިން 13 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. އެންމެ ފަހުގެ ރެކޯޑްތަކަށް ބަލާއިރު ކޮވިޑް-19ގެ ޝިކާރައަކަށްވެ، ޗައިނާއިން މަރުވި މީހުންގެ އަދަދު ވަނީ 4633 އަށް އަރާފައެވެ.