ޗައިނާގައި ޝާއިއުކޮށްފައިވާ އޮޕީނިއަން އާޓިކަލްއެއްގައި، ކޮރޯނާވައިރަސް ޑިޒީޒް ކޮވިޑް-19ގެ ފެށުމާ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެ ބަލި ފެތުރިގެން ދިޔަ ގޮތާ ބެހޭ ގޮތުން ހުރި ވާހަކަތައް ސެންސަރު ކުރުމުގެ ހުއްދަ، ޗައިނާގެ ސަރުކާރަށް ދީފައިވާނެ ކަމަށް ވިލާތުގެ އިއްތިހާދުން އިއުތިރާފު ވެއްޖެއެވެ.

ސެންސަރު ކުރުމަށް ހުއްދަ ދިން އޮޕީނިއަން އާޓިކަލްއަކީ ވިލާތުގެ އިއްތިހާދު (އީޔޫ)ގެ އެމްބެސެޑާ ނިކޮލާއީ ޝާޕުއީއާއި އެ އިއްތިހާދުގެ 27 މެމްބަރު ގައުމުން ޗައިނާއަށް ކަނޑައަޅުއްވާފައި ތިބޭ ސަފީރުންނާއެކު ލިޔުއްވާފައިވާ އާޓިކަލްއެކެވެ.

މި އާޓިކަލްގެ އަސްލު ލިޔުން އީޔޫގެ ޑެލިގޭޝަން ވެބްސައިޓްގައި ވަނީ ޝާއިއު ކޮށްފައެވެ. މި ލިޔުން ބުނާ ގޮތުގައި ޗައިނާގައި ބަލިމަޑުކަން ފެށި، 3 މަހެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ކުރިން އެކުލަވާލާފައިވާ ޑިޕްލޮމެޓިކް ރޭވުންތަކަށް ވަނީ ބުރޫ އަރާފައެވެ.

ކަންމިހެން އޮތްއިރު، ޗައިނާގެ "ޗައިނާ ޑެއިލީ" ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މި އާޓިކަލްއިން، ޗައިނާގައި ބަލިމަޑުކަން ފެށުނު ކަމާ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލިމަޑުކަން ފެތުރިގެން ދިޔަ ކަމަށް ބުނެފައި އޮތް ބައި ވަނީ ސެންސަރު ކޮށްފައެވެ.

ވިލާތުން ޗައިނާއަށް ކަނޑައަޅާފައިވާ ޑެލިގޭޝަންއިން ވަނީ، މި ބަދަލާ މެދު އިންތިހާއަށް ހިތާމަ ކުރާ ކަމަށާ، ނަމަވެސް އެ މައުލޫމާތު ސެންސަރު ކުރުމަށްފަހުގައި ލިޔުން ޝާއިއު ކުރުމަށް ރުހުން ދީފައިވަނީ މުހިންމު އިތުރު މެސެޖުތަކެއް އެ ލިޔުމުގައި ހުރުމުގެ ސަބަބުން ކަމަށެވެ.

ކޮވިޑް-19ގެ ކޭސްތައް ފުރަތަމަ ފެންނަން ފެށީ ޗައިނާއިން ކަމަށްވީ ނަމަވެސް، އެއީ ބަލީގެ ފެށުން ނުވަތަ ބަލި ޖައްސާ ވައިރަހުގެ ފެށުން އޮތީ ޗައިނާގައި ކަމަށް ނިންމަންވީ ސަބަބެއް ނޫންކަމަށް ބުނެ ޗައިނާއިން ދަނީ ފާޅުގައި ދިފާއަށް ކުޅެމުންނެވެ. ކޮވިޑް-19 ޖައްސާ ވައިރަހުގެ ހަގީގީ ފެށުން އަދިވެސް ހޯދިފައި ނުވާއިރު، މިކަމުގައި ހޫނު ބަހުސްތަކެއްވެސް ދަނީ ކުރެވެމުންނެވެ.

ވިލާތުގެ އިއްތިހާދުގެ ވާހަކަތަކާ ގުޅިގެން ޗައިނާގެ ހާރިޖިއްޔާއިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.