ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން އެނބުރި އަމިއްލަ ވަޒަނަށް ދާން ބޭނުންވެފައި ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އިވަކުއޭޓް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން ފުރަތަމަ ގުރޫޕު އިވަކުއޭޓް ކުރުމުގެ މަސައްކަތް ފަށާފައިވަނީ މީގެ ގަޑިއިރެއްހާއިރު ކުރިންނެވެ.

މި ވަގުތު މާލޭގައި ބަނދަރުކޮށްފައިވާ އިންޑިއާ އަސްކަރިއްޔާގެ މަނަވަރު އައިއެންއެސް ޖާލަޝްވާގައި އިންޑިއާއަށް ގެންދާ ގުރޫޕު ފުރަތަމަ ގެންގޮސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެތަނުގައި ފުރިހަމަ ކުރަންޖެހޭ ރަސްމީ ލިޔެކިއުމާ ގުޅުންހުރި ކަންކަން ކުރުމަށްފަހު، މި ފަސެންޖަރުން މާލެ ގެނެސް، އައިއެންއެސް ޖާލަޝްވާގައި އިންޑިއާއަށް ފުރުވާލެވޭނެއެވެ.

މި ފަސެންޖަރުން އަނބުރާ ގައުމަށް ގެންދިއުމަށް އައިއެންއެސް ޖާލަޝްވާއިންވެސް ތައްޔާރީތައް ވެފައިވާކަން ހައިކޮމިޝަނުން ވާނީ ހާމަކޮށްފައެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް އިންޑިއާގެ އަސްކަރިއްޔާއިން 2 މަނަވަރެއް ވަނީ ފޮނުވާފައެވެ. ރާއްޖެއިން އިންޑިއާ ގެންދާ މީހުން ބާލަން ހަމަޖެހިފައިވަނީ ކޮޗިންއަށެވެ. އަދި ކަނޑައަޅާފައިވާ ތަންތަނުގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތުވެސް މި ފަސެންޖަރުން ހަމަކުރަންޖެހެއެވެ.