ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން، އަވަށްޓެރި ޕާކިސްތާނުން ރެކޯޑް އަދަދަކަށް ކޭސްތައް ރިޕޯޓްކޮށްފިއެވެ.

ޕާކިސްތާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 1764 ސާމްޕަލްއެއް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއީ 1 ދުވަހާ މިހާ ގިނަ އަދަދަކަށް ކޭސް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.

ޕާކިސްތާނުގެ އަދުގެ ހާލަތަ

  • ކޮވިޑް-19އަށް ޕޮޒިޓިވްވި ޖުމުލަ ކޭސް: 25837
  • މި ބަލީގައި މަރުވި ޕޭޝަންޓުން: 594
  • ޖުމުލަ ޓެސްޓު: 257247

ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ޕާކިސްތާނުން ކޮވިޑް-19ގައި މަރުވެދިޔަ މީހުންގެ އަދަދު، ފާއިތުވީ 10 ވަރަކަށް ދުވަހުގެ ތެރޭގައި ވަނީ 100 ޕަސެންޓް އިތުރުވެފައެވެ. ޕާކިސްތާނުން ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށީ ފެބުރުއަރީ މަހުގެ ފަހުކޮޅުގައެވެ. އޭގެ ފަހުން، މި ބަލީގައި އެ ގައުމުން އެންމެ ގިނަ އަދަދަކަށް އެއް ދުވަހާ މީހުން މަރުވެގެން ރިޕޯޓްކުރީ ބުރާސްފަތި ދުވަހުއެވެ. އެގޮތުން ބުރާސްފަތި ދުވަހު އެކަނިވެސް 48 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުގެ ސިއްހަތާ ބެހޭ ތަޖުރިބާކާރުން ވަނީ، މި ހިނގާ މެއި މަހަކީ އެ ގައުމުގައި ކޮވިޑް-19ގެ ބަލިމަޑުކަން އެންމެ ނުރައްކާ ވެގެންދާނެ ދުވަސްވަރަށް ވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.