ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އަވަށްޓެރި ޕާކިސްތާނުން އިއްޔެ ރެކޯޑް އަދަދަކަށް މީހުން މަރުވެފައިވާކަމަށް ރިޕޯޓްކޮށްފިއެވެ.

ޕާކިސްތާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ބަލީގައި އިއްޔެ އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 40 އަށް އަރާފައެވެ. މިއީ ޕާކިސްތާނުން މި ބަލި އެންމެ ފުރަތަމަ ފެނުނު ފަހުން، 1 ދުވަހާ އެންމެ ގިނަ އަދަދަކަށް މީހުން މަރުވެގެން މިހާތަނަށް ރިޕޯޓްކުރި ދުވަސްވެސްމެއެވެ.

ޕާކިސްތާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ އިތުރު 1049 ކޭސްއެއް މި ބައްޔަށް އަލަށް ޕޮޒިޓިވްވެފައިވާކަންވެސް ކަށަވަރުކޮށްދީފައެވެ. މިއާއެކު ޕާކިސްތާނުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 22550 އަށް އަރާފައިވާއިރު، މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ 526 އަށް އަރާފައެވެ.

ޕާކިސްތާނުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މީހެއްގެ ހުން ބަލަނީ/ފޮޓޯ: އޭއެންއާރް

ކޮވިޑް-19އަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެގެން ޕާކިސްތާނުން ރިޕޯޓްކުރީ މީގެ 1 ދުވަސް ކުރިންނެވެ. އެގޮތުން 24 ގަޑިއިރުގެ ތެރޭގައި 1315 ކޭސް ޕޮޒިޓިވްވި ކަމަށް ޕާކިސްތާނުން ވަނީ ރިޕޯޓްކޮށްފައެވެ.

ކަންމިހެން އޮތް ނަމަވެސް، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގައި މިހާރު ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދެއްވަން ފައްޓަވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ ހޯމަ ދުވަހު ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ހާމަކުރައްވާފައެވެ.

ޕާކިސްތާނުގައި މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުން އަމުރުގެ މުހުލަތު ހަމަވާނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.