ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވި ދިވެހި މީހާ ބަލިން ރަނގަޅުވި އިރު އެއީ ޔޫކޭއިން ރާއްޖެއައި ދިވެހި ސިފައިންގެ މީހެކެވެ. މުހައްމަދު މުއައްމަރު ވަނީ ބަލިން ރަނގަޅުވެ އެނބުރި ސިފައިންގެ ހިދުމަތަށް ގުޅުނު އިރު، އޭނާއަށް ފަރުވާ ދިން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ބަލިން ރަނގަޅުވުމުން މާތް ﷲ އަށް ހަމަދުކޮށް އޭނާ ވަނީ ގައުމީ ހިދުމަތަށް އެނބުރި ގޮސްފައެވެ. އަދި މި ހާލަތުގައި އޭނާ ވަނީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއަށް ވެސް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

އެމްއެންޑީއެފްގެ ހިދުމަތަށް އެނބުރި ނުކުތް އިރު އޭނާ ޓްވިޓާ މެދުވެރިކޮށް ފޮނުވި ޝުކުރު މެސެޖުގައި ވެލިދޫ އައިސޮލޭޝަންގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން ފަރާތްތަކަށް ހާއްސަ ޝުކުރެއް ވަނީ އަދާކޮށްފައެވެ. އަދި މި ބައްޔަށް ފަރުވާ ދިނުމަށާއި މި ބަލިން އަރައިގަތުމަށް ފްރަންޓް ލައިންގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ހިތުގެ އަޑިން ހާއްސަ ޝުކުރެއް އޭނާ ވަނީ އަދާކޮށްފައެވެ. އަމިއްލަ ފުރާނަ އަތް މައްޗަށް ލައިގެން ފްރަންޓުލައިންގައި މަސައްކަތް ކުރަމުން ދާ މީހުން، ބަލި ޖެހިފައިވާ މީހުންނަށް ދެމުންދާ ހިދުމަތުގެ އަގު އޭނާ ވަނީ ފާހަގަކޮށްފައެވެ.

އިނގިރޭސިވިލާތުގައި އަސްކަރީ ތަމްރީން ހަދަން ހުރުމަށް ފަހު، ދުބާއީ މަގުން މުއައްމަރު ރާއްޖެ އައިސްފައި ވަނީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހެވެ. ރާއްޖޭއަށް އައި އިރު ރާއްކާތެރިވުމުގެ ގޮތުން ހުރިހާ ފިޔަވަޅެއް އަޅައިގެން ހުރި ނަމަވެސް ރާއްޖެއަށް އަންނަ ހުރިހާ ދިވެހިން ކަރަންނަޓީށް ގެންދެވުނު އުސޫލުން އެނާ ވަނީ ހޮލިޑޭ ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސްފައެވެ. އޭރު އޭނާގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް މާޗް 25 ވަނަ ދުވަހު އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަން ފެށީއެވެ. އެހެންކަމުން އޭނާ ވަނީ ކޮވިޑަށް ޓެސްޓު ކޮށްފައެވެ.

ނަތީޖާ ލިބުނު އިރު އޭނާގެ ނަތީޖާ ކޮވިޑަށް ޕޮޒޓިވް ވެގެން ދިއުމުން އެކަމުން އޭނާ އަށް ކުއްލި ޝޮކެއް ލިބުނުކަމަށް މުއައްމަރު ބުނެއެވެ. ނަމަވެސް ހިތްވަރު ދޫ ނުކޮށް މުއައްމަރު ވަނީ ޑޮކްޓަރުން ދެއްމުން ދިޔަ އިރުޝާދާ އެއްގޮތަށް ކަންކޮށްފައެވެ. ކަރަންޓީނާއި އައިސޮލޭޝަންގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން އެންމެ ބޮޑަށް އުނދަގޫވި ދުވަހެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ހޮލިޑޭ ކަރަންޓީން ފެސިލިޓީއިން ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރި ދުވަސް ކަމުގައެވެ. އެ ދުވަހު އޭނާ އެ ފެސިލިޓީއަށް ބަދަލު ކުރަން އައި މީހުން ފުލް ޕީޕީއީ ކިޓްގައި ތިބުމުން އޭނާއަށް ވަނީ ތަފާތު އިހުސާސެއް ކޮށްފައެވެ.

ނަމަވެސް ވެލިދޫ އައިސޮލޭޝަނަށް ބަދަލުކޮށް އޭނާއަށް ފަރުވާ ދެމުން ދިޔަ އިރު އެންމެ ބޮޑު ސަޕޯޓެއް ލިބިގެން ގޮސްފައި ވަނީ އާއިލާގެ ފާރާތުން ކަމަށް ބުނެއެވެ. ކޮންމެ ދުވަހަކު މުއައްމަރަށް އޭނާގެ އާއިލާއިން ގުޅާ ވާހަކަ ދައްކާ ކަމަށާއި އެކަނިވެރި ކަމުގެ އިހުސާސް ވިޔަ ނުދޭ ކަމަށް އޭނާ ބުނެއެވެ. އައިލާއިން ގުޅާއިގެން ވާހަކަ ދައްކައިގެން ދެމުން ދިޔަ ހިތްވަރާ އެކު އެމްއެންޑީއެފްގެ އިސް ބޭފުޅުންވެސް އޭނާއަށް ގުޅުއްވައިގެން ކޮންމެ ދުވަހަކުވެސް ހާލު ބެއްލެވި ކަމަށް މުއައްމަރު ވިދާޅުވިއެވެ.

މުއައްމަރުގެ ނަސޭހަތަަކީ މި ބަލި ޖެހޭ އެންމެންނަކީ މި ބަލީގައި މަރުވާނެ ބައެއް ނޫނަކަމަށާއި މި ބަލިން އަރައިގަތުމަށް ސިއްހީ ހިދުމަތްދޭ ފަރާތަތަކުގެ އިރިސާދަށް ސަމާލުވެ އެ އިރުސާދުތަަކާ އެއްގޮތަށް ކަންކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. ހަމައެއާއެކު ބަލި ޖެހިގެން އައިސޮލޭޓްވާ ފަރާތްތަަކަށް އެހެން މީހުންގެ ލޯތްބާއި އަޅާލުން ވަރަށް ބޮޑަށް ބޭނުން ވާނެ ކަމަށް މުއަމަރު ފާހަގަކުރިއެވެ.