ހޮރައިޒަން ފިޝަރީޒުން ވިއްކާ މާންދޫ މަސް ބްރޭންޑްގެ އުފެއްދުންތައް، “މޫލީ” މެދުވެރިކޮށް އޮންލައިންކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ހޮރައިޒަން ފިޝަރީޒުން ބުނީ، އެ ފިޔަވަޅަކީ މިހާރު ދިމާވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއި ގުޅިގެން އެކުންފުނީގެ ކަސްޓަމަރުންނާއި އެކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އެނިންމުމުގެ ބޭނުމަކީ ޖިސްމާނީ ގައިދުރުކަމަށް ފުރުސަތު ދިނުން ކަމަށެވެ.

މި ނިންމުމާއެކު ކަސްޓަމަރުންނަށް ގޭގައި ތިބެގެން މޫލީ އެޕް މެދުވެރިކޮށް އާދީއްތަ ދުވަހުން ފެށިގެން މާންދޫ މަހުގެ ބާވަތްތަކަށް އޮންލައިންކޮށް އޯޑަރު ދެވޭނެ ކަމަށެވެ. އަދި އޯޑަރު ދިނުމުން ކަސްޓަމަރަކު ބޭނުންވާ ތަނަކަށް މުދާ ފޯރުކޮށްދޭނެ ކަމަށް ހޮރައިޒަން އިން ބުނެއެވެ. އެގޮތުން ޗާނދަނީ މަގުގައި ހުންނަ ހޮރައިޒަންގެ “ސީފުޑް ޕްލަސް” ފިހާރައިން ލިބެންހުރި އުފެއްދުންތަކަށް، މޫލީ އެޕް މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށް ހޮރައިޒަން އިން މައުލޫމާތު ދެއެވެ.

މި ދަނޑިވަޅުގައި ހޮރައިޒަން ފިޝަރީޒްގެ އުފެއްދުންތައް ކަސްޓަމަރުންނާއި ހަމަޔަށް ފޯރުކޮށް ދިނުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދިނުމުގައި މޫލީގެ ފަރާތުން ދޭ އެހީތެރިކަމަށް ހޮރައިޒަން އިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި އެޕް ޑައުންލޯޑް ކޮށްގެން ހުރިހާ ރައްޔިތުންނަށްވެސް ހޮރައިޒަން ފިޝަރީޒްގެ މާންދޫ މަސްދަޅު ގަނެވޭނެއެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސޯދަށް އަންނަމުންދާ ބަދަލުތަކާއެކުވެސް ރަމަޟާން މަހާ ދިމާކޮށް މަސް ދަޅަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު، މިދަނޑިވަޅުގައި ރައްޔިތުންނަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމަށް ހޮރައިޒަން ފިޝަރީޒުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރަމަޟާން މަހާއި ދިމާކޮށް އެކުންފުނިން ވިއްކާ މާންދޫ ދަޅު މަހުގެ އުފެއްދުންތަކުގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.