ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެ، ސިއްހީ ނިޒާމު ފުނޑުފުނޑު ވެފައިވާ ޔަމަނުން އަނެއްކާވެސް ކޮވިޑް-19ގެ ކޭސްތަކެއް ރިޕޯޓް ކޮށްފިއެވެ.

ޔަމަނުން ކޮވިޑް-19އަށް އެންމެ ފަހުން ޕޮޒިޓިވް ވެފައި ވަނީ އޭޑަން ސިޓީއިން 2 މީހުން، އަދި ތާއިޒް ޕްރޮވިންސްއިން 1 ކޭސް ކަމަށް ޚަބަރު ލިބެއެވެ. މިއާއެކު ޔަމަނުން ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 10 އަށް އަރާފައި ވާކަމަށް އެގައުމުގެ ނޭޝަނަލް އެމާޖެންސީ ކޮރޯނާވައިރަސް ކޮމިޓީއިންވަނީ ހާމަކޮށްފައެވެ.

މިދަނޑިވަޅުގައި އދއިން ބުނީ، އެކަށީގެންވާ މިންވަރަށް ޓެސްޓު ކުރުމުގެ ގާބިލުކަން ލިބިފައި ނުވާ ޔަމަނުގައި، ބަލި ހުރިކަން ދެނެނުގަނެވި ކޮވިޑް-19 ފެތުރިގެން ދިއުމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށެވެ.

މެދުއިރުމަތީގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ކޮވިޑް-19އާ ގުޅިގެން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރއިަށްދަނީ/ފޮޓޯ: ފްރާންސް24

ޔަމަނުން ކޮވިޑް-19 އެންމެ ފަހުން ފެނުނު ތާއިޒް ޕްރޮވިންސްގެ ގަވަރުނަރު ވަނީ ކުރިއަށް އޮތް 2 ހަފުތާގެ މުއްދަތަށް އެ ޕްރޮވިންސްގެ ބޯޑަރުތައް ބަންދުކުރައްވާނެކަން ހާމަކުރައްވާފައެވެ. ނަމަވެސް އަސާސީ މުދާ ހިފައިގެން ބޯޑަރު ހުރަސް ކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިދަނޑިވަޅަކީ 5 އަހަރަށްވުރެވެސް ދިގުލާ ގޮސްފައިވާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އެތައް މިލިއަން ބަޔަކު އިންސާނީ އެހީއަށް ބޭނުންޖެހިފައިވާ ދަނޑިވަޅެކެވެ. 24 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޔަމަނުގެ އާބާދީގެ 80 ޕަސެންޓް މީހުންނަކީ އެހީއަށް ބަރޯސާވެފައިވާ ބައެއް ކަމަށާ، 10 މިލިއަނެއްހާ މީހުންނަށް ވަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.