ޒަމާނުއްސުރެ ހަތުރުވެރިންގެ ގޮތުގައި އޮތް އުތުރު ކޮރެއާއާއި ދެކެނު ކޮރެއާއާ ދެމެދު ގައި ބަޑީގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.

ދެކުނު ކޮރެއާގެ ވެރި ރަށް ސޯލްގައި ހުންނަވާ ޖޮއިންޓް ޗީފްސް އޮފް ސްޓާފްސް ވިދާޅުވާ ގޮތުގައި، އުތުރު ކޮރެއާއިން ދެކުނު ކޮރެއާއަށް ހަމަލާދީފައިވަނީ މިއަދު ހެނދުނު، ކޮރެއާ ގަޑިން 07:41 ގައެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށްފައިވާ ބޯޑަރު ސަރަހައްދުގެ ދެކުނު ކޮރެއާއާއި ވީ ފަޅީގެ ފާޑު ޕޯސްޓަށްކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ހަމަލާގެ ރައްދުގައި ދެކުނު ކޮރެއާއިންވެސް 2 ފަހަރެއްގެ މަތިން ހަމަލާ ދީފައިވާކަމަށާ، އެ ހަމަލާ ދީފައިވަނީ އިންޒާރުގެ މެސެޖެއް ބްރޯޑްކާސްޓް ކުރުމަށްފަހުގައި ކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން އާންމުކުރި ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ. އަދި މި ހަމަލާގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައި ނުވާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާ ހިނގާދާން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް، ދެ ކޮރެއާގެ މުއާސަލާތާ ބެހޭ އިދާރާ މެދުވެރިކޮށް ކުރަމުން އަންނަ ކަމަށްވެސް ދެކުނު ކޮރެއާއިން ވަނީ ބުނެފައެވެ.

އުތުރު ކޮރެއާއާއި ދެކުނު ކޮރެއާ ބައިކުރެވިފައިވަނީ ގާތްގަނޑަކަށް 248 ކިލޯމީޓަރު ދިގު އަދި 4 ކިލޯމީޓަރު ފުޅާ ބޯޑަރަކުންނެވެ. މި ބޯޑަރުގެ އެތެރޭގެ ސަރަހައްދު މަޝްހޫރު ވެފައިވަނީ ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒީ)ގެ ގޮތުގައެވެ. މި ސަރަހައްދު ހުރަސްކޮށް، ހަމަލާ ބަދަލުކޮށްފައިވަނީ 2017 ވަނަ އަހަރު، އުތުރު ކޮރެއާއިން ފިލަން ދުވި އަސްކަރީ މެމްބަރަކަށް އަމާޒުކޮށެވެ.