މިސްރުގެ ރައީސް ޖެނެރަލް ޢަބްދުލްފައްތާޙު އަލް-ސީސީއަށް ފުރައްސާރަވާ ގޮތަށް މިއުޒިކް ވީޑިއޯއެއް އުފެއްދިކަމުގެ ކުށުގައި، ޝަރީއަތް ކުރުމަކާވެސް ނުލާ މީގެ ދެއަހަރެއްހާ ދުވަސް ކުރިން ޖަލަށް ލީ ޝާދީ ހަބާޝް، ޖަލުގައި އޮވެ މަރުވެއްޖެ ކަމަށް އޭނާގެ 2 ވަކީލަކު ހާމަކުރައްވައިފިއެވެ.

ޝާދީ ހަބާޝް މަރުވެދިޔައީ މިސްރުގައި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަކޮށްފައިވާ ތޯރާ ޖަލުގައެވެ.

ޝާދީ ހަބާޝްގެ ގާނޫނީ ވަކީލެއް ކަމަށްވާ އަހުމަދު އަލް-ޚަވާގާ ވިދާޅުވީ، އޭނާގެ ކްލަޔަންޓް މަރުވި ސަބަބު އަދި ސާފު ނުވާ ކަމަށެވެ.

އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި އަލް-ޚަވާގާ ވިދާޅުވީ، ޝާދީ ހަބާޝްގެ ސިއްހީ ހާލު ދަށްވަމުން އަންނަތާ ދުވަސްތަކެއް ވެފައިވާކަމަށާ، އޭނާއަށް ހޮސްޕިޓަލުގައި ބާއްވައިގެންވެސް ފަރުވާ ދީފައިވާކަމަށެވެ. އެއަށްފަހު އިއްޔެ ހަވީރުގެ ވަގުތެއްގައި އޭނާ އަނބުރާ ޖަލަށް ގެންދެވިފައިވާކަމަށާ، އޭނާ މި ދުނިޔެއާއި ވަކިވެގެންދިޔައީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ޝާދީ ހަބާޝްގެ މަރާ ގުޅިގެން މިސްރުގެ ދާހިލީ ވުޒާރާއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މިސްރުގެ ކަމާ ބެހޭ ފަރާތްތަކުން، އުމުރުން 24 އަހަރުގެ ޝާދީ ހަބާޝް ހައްޔަރު ކުރީ 2018 ވަނަ އަހަރުގެ މާޗްމަހުއެވެ. އެއީ އަމިއްލައަށް އަރުވާލެވިގެން ސްވީޑަންގައި ދިރިއުޅޭ މިސްރުގެ މިއުޒީޝަންއެއް ކަމަށްވާ ރާމީ އިސާމްގެ ލަވައަކަށް ވީޑިއޯ ޑައިރެކްޓްކޮށްދިން މައްސަލާގައެވެ.

މި ލަވާގައި ފެނިގެންދަނީ އަސްކަރީ ޖެނެރަލަކު ވެރިކަމަށް އަރާ، ކޮރަޕްޝަނާ ޚުދުމުޚުތާރު ބާރު ބާރުގެ ބޭނުން ކުރަމުންދާ މަންޒަރެވެ.

https://www.youtube.com/watch?v=-3yYvCPkmJM

ޝާދީ ހަބާޝްގެ މަރާ ގުޅިގެން ފޭސްބުކްއަށް ދޫކޮށްލި ޕޯސްޓްއެއްގައި އިސާމް ބުނީ ޝާދީއަކީ އޭނާއާއި ބައްދަލުވި އެންމެ އޯގާތެރި އަދި އެންމެ ހިތްވަރުގަދަ މީހާ ކަމަށާ، ޝާދީއަކީ އެއްވެސް މީހަކަށް އަނިޔާއެއް ދޭނެ މީހެއް ނޫންކަމަށެވެ.

ޝާހީ ހަބާޝްގެ ވަކީލަށް އޭނާ އެންމެ ފަހުން ފެނިފައިވަނީ މީގެ 2 މަހެއްހާ ދުވަސް ކުރިންނެވެ. އޭރުވެސް އޭނާގެ ނަފްސާނީ ހާލަތު ވަރަށް ދެރަ ކަމަށް ވަކީލު ވަނީ ފާހަގަކުރައްވާފައެވެ.

މިސްރުގެ ތޯރާ ޖަލުގައި މަރުވެދިޔަ ޒުވާން ޕްރޮޑިއުސަރު ޝާދީ ހަބާޝް/ފޮޓޯ: ޓްރެންޑްސް މެޕް

މިސްރުގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓް އެއް ކަމަށްވާ ޢަބްދުއްރަޙްމާނު އައްޔާޝް ބުނީ، ޖަލު ތެރޭގައިވެސް ޝާދީ ހަބާޝް ވަރަށް ބޮޑަށް ބަލިވިކަމަށާ، އޭނާއާއި ޖަލު ގޮޅި ހިއްސާކުރަމުންދިޔަ ގައިދީން އެހީ އެދި ރޮއި، ހަޅޭއްލަވާ ހެދި ކަމަށާ، ނަމަވެސް ޖަލުގެ ގާޑުން އެކަމަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާކަމަށެވެ. އަދި ޖަލުގެ ގާޑުން ހަރަކާތްތެރިވާން ފެށީ ޝާދީ ހަބާޝްގެ ފަހު ނޭވާއާއިއެކުގައި ކަމަށްވެސް އައްޔާޝް ވަނީ ފާހަގަކޮށްފައެވެ.

އަރަބިކް ނެޓްވާކް ފޮ ހިއުމަން ރައިޓްސް އިން ބުނީ ޝާދީ ހަބާޝް މަރުވެދިޔައީ ފަރުވާ ކުޑަވުމުގެ ސަބަބުންނާ، އިންސާފު ނެތިގެން ކަމަށެވެ.

ހަބާޝްގެ މަރާއެކު މިސްރުގެ ޖަލުތަކުގެ ނުރައްކަލުގެ ވާހަކަ އަނެއްކާވެސް މިވަނީ މީޑިއާއަށް ތިލަވެފައެވެ. މި ޖަލުތަކުގައި ތިބި ގިނަ މީހުންނަކީ މިސްރުގެ ރައީސްއާއި ފިކުރު ތަފާތު މީހުން ކަމަށްވާއިރު، މީގެ ތެރޭގައި ތިބި ގިނަ މީހުންނަކީ އެމީހުންގެ ބޮލުގައި އަޅުވާފައިވާ އިލްޒާމުތަކަށް ތަކުރާރުކޮށް އިންކާރު ކުރަމުންދާ މީހުންނެވެ.

މިދަނޑިވަޅަކީ ކޮވިޑް-19ގެ ނުރައްކާ މިސްރަށްވެސް ކުރިމަތިވެފައިވާ ދަނޑިވަޅަކަށްވާއިރު، ފިތިބާރުވެފައިވާ ޖަލުތަކަކީ އިންތިހާ ނުރައްކާ މަންޒިލަކަށް ވެދާނެ ކަމުގެ ކަންބޮޑުވުންވަނީ އިންތިހާއަށް އިތުރުވެފައެވެ.