ގާތްގަނޑަކަށް 20 ދުވަހުގެ މެދުކެނޑުމަކަށް ފަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާންމުންގެ ތެރެއަށް ފުރަތަމަ ފަހަރަށް ނިކުންނަވާފައި ވާކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނެފިއެވެ.
އާންމުންގެ ތެރެއަށް ކިމް ނިކުންނަވާފައި ވާކަމުގެ ޚަބަރުތައް އުތުރު ކޮރެއާއިން އާންމުކޮށްފައި މިވަނީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ކިމް އަވަހާރަވި ކަމުގެ ޚަބަރުތަކެއްވެސް މިޑިއާގައި ވައިރަލް ވަމުން ދަނިކޮށެވެ.
އުތުރު ކޮރެއާގެ ރަސްމީ ޚަބަރު ފަތުރާ ކޭސީއެންއޭ އާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި ދުވަސްތަކެއް މެދުކަނޑުމަކަށް ފަހު ކިމް ބައިވެރިވެވަޑައި ގަތީ ގަސް ކާނާ އުފައްދާ ކާރުހާނާއެއް ގާއިމުކޮށް ނިންމާލި ހަފުލާގައެވެ. ވެރިރަށް ޕިޔޯންގްޔޭންގްއާ ދާދި ކައިރީގައި އޮންނަ ސަރަހައްދެއްގައި ހުންނަ މި ކާރުހާނާ ގާއިމުކޮށް ނިންމާލި މުނާސަބާ ފާހަގަ ކުރުމަށް ކުރިއަށް ދިޔަ ހަފްލާގައި ކިމްއާ އެކު އުތުރު ކޮރެއާގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި ކަމަށާ، އޭގެ ތެރޭގައި ކިމްގެ އުޚުތެއް ކަމަށްވާ ކިމް ޔޯ ޖޮންގްވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ވެއެވެ.
ކިމް އާލާސްކަންފުޅާ އުޅުއްވާ ކަމުގެ ޚަބަރުތަކެއް މީޑިއާގައި ދައުރުވާން ފެށީ، އުތުރު ކޮރެއާގެ ބާނީގެ ގޮތުގައި އެގައުމުން ސިފަކުރަމުން އަންނަ ކިމް އިލް ސަންގް އަދި ކިމް ޖޮންގް އުންގެ ކާފާފުޅުގެ އުފަން ދުވަސް ފާހަގަ ކުރުމަށް އެގައުމުގައި ކުރިއަށް ގެންދާ އަހަރީ ހަރަކާތުން ކިމް ފެނިވަޑައި ނުގެންނެވި ހިސާބުންނެވެ.
މިފަދަ ދަނޑިވަޅެއްގައި، ކިމް ފެނިވަޑައިގެންފައި ނުވާކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވި ވިދާޅުވުމާއެކު އެކަމަށް ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓުނެވެ.
މީގެ ކުރިންވެސް ކިމްއާ ގުޅިގެން މިފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ. 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޮތް ކޮންސެޓަކަށް ވަޑައި ނުގެން ކިމް ވަނީ 40 ވަރަކަށް ދުވަސް ވަންދެން އާންމުންގެ ލޯތަކަށް ގެއްލިފައެވެ. އޭގެ ދުވަސްތަކެއް ފަހުން އޭނާ އާންމުންގެ ތެރެއަށް ނިކުންނެވީ އަސާކޮޅެއް ޖައްސަވައިގެންނެވެ.
ކަންމިހެން އޮތްއިރު މިފަހަރު ކިމްއަށް ވީ ގޮތެއް މިނިވަން އިދާރާއަކުން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.