ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ސްޓެމް ސެލް ބޭނުންކޮށްގެން ހޯދި އިންގިލާބީ ފަރުވާއެއް ދިން 73 ޕޭޝަންޓެއް އެ ބަލިން މުޅިން ރަނގަޅު ވެފައި ވާކަމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ހާމަކޮށްފިއެވެ.

ޔޫއޭއީގެ އަބޫދާބީ ސްޓެމް ސެލް ސެންޓަރުގެ ޑޮކްޓަރުންނާ ދިރާސާ ޓީމެއް ގުޅިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގައި ފަރުވާ ދީފައިވަނީ އެ ގައުމުން އީޖާދުކޮށްފައިވާ އޭރޮސޯލް ބޭހެއް ބޭނުން ކޮށްގެން ކަމަށްވާއިރު، އުއްމީދީ ނަތީޖާތަކެއް ފެނިފައިވާކަމަށް ޔޫއޭއީން ވަނީ ހާމަކޮށްފައެވެ.

ޔޫއޭއީގެ އިގުތިސޯދާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ސްޓެމް ސެލް ބޭނުންކޮށްގެން ކޮވިޑް-19އަށް މި ފަރުވާ ތަރައްގީ ކުރުމުގެ ޕޭޓަންޓްވެސް އެ ސެންޓަރަށް މިހާރު ދޫކޮށްފައިވާ ކަމަށެވެ.

ޔޫއޭއީން ކޮވިޑް-19 އަށް ތަރައްގީކުރި ފަރުވާއަކީ ޕޭޝަންޓުގެ ލެއިން ސްޓެމް ސެލް ނަގައިގެން، އެ 'އެކްޓިވޭޓް' ކުރުމަށްފަހު ބަލިމީހާއަށް އަލުން 'ތައާރަފުކޮށްދީގެން' ދެވޭ ފަރުވާއެކެވެ. ޕޭޓަންޓު ދޫކޮށްފައިވަނީ، ސްޓެމް ސެލް އެއްކުރާ ގޮތަށް ކަމަށް ޚަބަރު ލިބެއެވެ.

'އެކްޓިވޭޓް' ކޮށްފައިވާ ސްޓެމް ސެލް، ނެބިއުލައިޒް ކުރާ އުސޫލުން ޕޭޝަންޓުގެ ހަށިގަނޑަށް ފޮނުވާލަނީ ސްޕްރޭ ފުޅިއަކުން ވައިގެ ތެރެއަށް ބުރައިގެންދާ ފަދަ ތިކިތަކެއްގެ ގޮތުގައި، ސީދާ ފުއްޕާމެއަށް ދާ ގޮތަކަށެވެ.

ދިރާސާ ޓީމުން ގަބޫލުކުރާ ގޮތުގައި މިއީ ޕޭޝަންޓުގެ ފުއްޕާމެއަށް ހަމަޖެހުން ގެނެސްދޭނެ ފަރުވާއެކެވެ. އެހެނީ މި ފަރުވާގެ އެހީގައި ފުއްޕާމޭގެ ސެލްތައް މަރާމާރުކޮށްދޭތީކަމަށް ބުނެވެއެވެ. މީގެ އިތުރުން މި ފަރުވާއަކީ ކޮވިޑް-19 ޖެހޭ މީހާގެ ހަށިގަނޑުން އެ ވައިރަހަށް އޯވާރިއެކްޓް ކުރުމާ ދެކޮޅަށް، ދިފާއީ ނިޒާމު އަހުލުވެރިކޮށްދޭ ފަރުވާއެއް ކަމަށްވެސް ބުނެވެއެވެ.

މި ފަރުވާގެ ކްލިނިކަލް ތަހުލީލު ނުވަތަ އިންސާނުންގެ ހަށިގަނޑުގައި ކޮށްފައިވާ ދިރާސާއަށް ބަލާއިރު، މިއިން އެއްވެސް ޕޭޝަންޓެއްގެ ހަށިގަނޑުން ނޭދެވޭ އެއްވެސް އަސަރެއް ފެނިފައިވާކަމަށް އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ. އަދި މި ފަރުވާއަކީ، ކޮވިޑް-19ގެ ޕޭޝަންޓުންނަށް މިހާރު ދެމުންދާ އާންމު ފަރުވާއާ އެއްވެސް ވަރެއްގެ ގުޅުމެއް ހުރި ފަރުވާއެއް ނޫންކަމަށްވެސް ބުނެވެއެވެ.

ޔޫއޭއީގެ މި އިންގިލާބީ ފަރުވާގެ ފުރިހަމަކަން އިތުރަށް ކަށަވަރު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާއިރު، މިކަމަށް އަދި ހަފުތާތަކެއް ހޭދަވާނެއެވެ.

ކޮވިޑް-19އަށް އުއްމީދީ ފަރުވާއެއް ފެނިފައި ވީ ނަމަވެސް، ބޭސްފަރުވާގެ ނިޒާމުން އަމަލު ކުރަމުންދާ އިޖުތިމާއީ ގައިދުރުކަމާ، ގޭބަންދުގައި މަޑުކުރުން ފަދަ ފިޔަވަޅުތަކަކީ އަދިވެސް ތަންފީޒުކުރުން ކޮންމެހެން މުހިންމު ފިޔަވަޅުތަކެއް ކަން ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.