ކޮވިޑް-19އާ ގުޅިގެން ގިނަ ބަޔަކު ކަރަންޓީނަށް ގެންދަމުންދާއިރު މިއަދު ކަރަންޓީނަށް ގެންދަން އުޅުނު ބިދޭސީއަކު އެކަމަށް ދެކޮޅު ހަދުމުން ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ކަރަންޓީނަށް ދިއުމަށް އެންގުމުން އެކަމާ ދެކޮޅު ހެދި މީހާ ކަރަންޓީނަށް ގެންދިޔުމަށް އަންގާފައެވެ. އެ އަމުރުގައި ވަނީ ބަންގްލަދޭޝް މީހާ ކަރަންޓީނުގައި ބަންދުކޮށް، އެކަން ކަމާބެހޭ ފަރާތްތަކުން ތަންފީޒު ކުރުމަށް އަމުރުކޮށްފައެވެ.

ރާއްޖޭގައި އެންމެ ގިނައިން ކޮވިޑް-19 ބަލި ޖެހިފައިވަނީ ބަންގްލަދޭޝް މީހުންނަށެވެ. އަދި މިހާރު ވެސް އެ ބަލި ބިދޭސީންގެ މެދުގައި ދަނީ ވަރަށް ހަލވި ކަމާއެކު ފެތުރެމުންނެވެ. މިހާތަނަށް 254 ބަންގްލަދޭޗް މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ޕޮޒިޓިވްވާ މީހުންނާ ގުޅުންހުރި މީހުން ދެނެގަތުމަށްފަހު ކަރަންޓީނަށް ގެންދިޔުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.

މީގެކުރިން ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހަދައިގެން ސިވިލް ކޯޓުން ހަތަރު އަމުރެއް ނެރެފައިވެއެވެ. އެއީ ތިން ދިވެއްސެއްގެ މައްޗަށާއި އެއް އޮސްޓްރިއާ މީހެއްގެ މައްޗަށެވެ.

މީގެ އިތުރުން ދިވެއްސަކު ސާމްޕަލް ދިނުމަށް ދެކޮޅު ހެދުމުން ވެސް ސިވިލް ކޯޓުން މިއަދު ވަނީ އަމުރެއް ނެރެފައެވެ. ހަމައެފަދަ އަމުރެއް އިއްޔެވެސް ވަނީ ނެރެފައެވެ. އެއީވެސް ކަރަންޓީން ފެސިލިޓީއެއްގައި ހުރި ދިވެއްސަކު ސާމްޕަލް ދިނުމަށް ދެކޮޅު ހެދުމުން ނެރެފަިއވާ އަމުރެކެވެ.

ރާއޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑަށް މިހާތަނަށް ވަނީ 475 މީހަކު ޕޮޒިޓިވްވެފައެވެ. މިއަދު އެކަނިވެސް ވަނީ 79 މީހަކު ޕޮޒިޓިވްވެފައެވެ.