ސްޓައިލިޝްކޮށް ހުރުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ހާއްސަކޮށް ހާއްސަ ހަފްލާއަކަށް ދާން ޖެހުމުން މޭކަޕްކޮށް ޒަމާނީ ވައްޓަފާޅިއަށް ހެދުން އެޅުމަކީ ގިނަ ބަޔަކު ލޯބި ކުރާ ކަމެކެވެ. މީހުން މޭކަޕްކޮށް ރީތި ކޮށްދިނުމުގައި ގިނަ ބަޔަކު މިހާރު އުޅޭ ކަން ފާހަގަކުރެވެއެވެ.
އެ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ހުނަރުވެރި މޭކަޕް އާޓިސްޓުންގެ ތެރޭގައި ފާތިމަތު ޝިޒްނާ، އާންމު ނަމުން ނަމަ ޝިޒޫއަކީ ތަފާތު މޭކްޕަ ކުރުމަށް ލޯބި ކުރާ އާޓިސްޓެކެވެ.
ހދ. ނޭކުރަންދުއަށް އުފަން އުމުރުން 31 އަހަރުގެ ޝިޒޫއަކީ ކުޑައިރުއްސުރެވެސް މޭކަޕް ކުރުމަށް ލޯބިކުރާ މީހެކެވެ. ކިޔެވުން ފުރިހަމަ ކުރުމަށް ކުރިއަށް ދާނެ ކެރިއާއަކަށް ފުރަތަމަ ޝިޒޫ ހިޔާރު ކުރީ ފެޝަން ޑިޒައިނިންގެ ދާއިރާއެވެ. އެގޮތުން ޝިޒޫ އަވައްޓެރި ސްރީލަންކާގައި ފެޝަން ޑިޒައިނިން ދާއިރާއިން ކިޔަވަމުން ދިޔަ އިރު ޕްރޮޖެކްޓަކަށް އޭނާ ޑިޒައިންކުރި ހެދުންތަކެއް ދައްކާލަން ޖެހުނެވެ. އެ ދުވަހު ޝިޒޫ ފަރުމާކުރި ހެދުންތައް ލައްވާފައި މޮޑެލުންގެ މޭކަޕްކުރަން އޭނާ ބޭނުންވީ ވަރަށް ތަފާތު ގޮތަކަށެވެ. ނަމަވެސް އެވަގުތު އެފަދަ މޭކަޕެއް ކުރާނެ އާޓިސްޓެއް ހޯދުމަކީ ޝިޒޫއަށް އުނދަގޫ ކަމަކަށް ވިއެވެ.
އެހެންކަމުން ޝިޒޫ ގަސްތު ކުރީ ފެޝަން ޑިޒައިނިން ކިޔަވާ އިރު މޭކަޕް ކޯހެއް ހެދުމަކީ މުހިއްމު ކަމެއް ގޮތުގައެވެ. އެގޮތުން އޭނާ ލަންކާއިން ބޭސިކް މޭކަޕް ކޯހެއް އޭރު ފުރިހަމަ ކުރިއެވެ. އެހިސާބުން ޝިޒޫ ކުރިއަށް ދާން ބެނުންވާ ކެރިއާ ބަދަލު ވެގެން ދިޔައެވެ. ފެޝަން ޑިޒައިނަރަކަށް ވުރެ ބޮޑަށް މޭކަޕް އާޓިސްޓަކަށް ވުމަށް އޮތް ޝައުގުވެރިކަން ބޮޑުވިއެވެ.
އެހިސާބުން އިތުރަށް ތަމްރީން ހޯދުމަށް ޝިޒޫ ބޭނުންވެ ދެން އޭނާ މިސްރާބު ޖެހީ އިންޑިއާއަށެވެ. އިންޑިއާގައި ބްރައިޑަލް މޭކަޕް އާއި އެޑްވާންސް އައި މޭކަޕް ކޯހެއް އޭނާ ފުރިހަމަ ކުރިއެވެ. އެއަށްފަހު މާލެއަށް އެނބުރި އައިސް ޕާސަންލަ ގްރޫމިގް ކްލާސްތަކެއް ނަގައިދޭން ފެށީ މޭކަޕް ކުރުމަށް ޝައުގުވެރިކަން ހުންނަ އެތައް ކުދިންތަކަކަށް އަމިއްލައަށް ރީތި ވުމަށް ކުރެވޭނެ ކަންކަން ދަސްކޮށް ދިނުމުގެ ގޮތުންނެވެ.
ރާއްޖޭގައި ބައެއް ރަށްރަށުގައި ޝިޒޫ ވަނީ ޕާސަނަލް ގްރޫމިންގް ކްލާސްތައް ވެސް ނަގައިދީފައެވެ. ނަމަވެސް އެހިސާބުން ޝިޒޫގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޭނާ އިތުރަށް ކިޔަވާ ތަމްރީން ހޯދަން ބޭނުންވިއެވެ. އެގޮތުން ދެން އޭނާ ދިޔައީ ބެންކޮކަށެވެ. ބެންކޮކުން ޝިޒޫ ވަނީ މާސްޓާސް އިން މޭކަޕް ޕްރޮގްރާމަކާއި ހެއާ ސްޓައިލިންގް ކޯހެއްވެސް ފުރިހަމަކޮށްފައެވެ.
ދެން އެނބުރި މާލެއައިސް ޝިޒޫ އޭނާގެ މަސައްކަތް ފެށިއެވެ. އޭނާ ހިޔާރު ކުރީ ތަފާތު ދާއިރާއެކެވެ. ޓުއަރިސްޓް ރިސޯޓުތަކަށް އަންނަ ގެސްޓުންގެ ބްރައިޑަލް މޭކަޕްކޮށް ދިނުމެވެ. އެ މަސައްކަތުން ޝިޒޫއަށް ރަނގަޅު އާމްދަނީއެއް ލިބެމުން ދިޔައެވެ. ރިސޯޓުތަކުން ލިބެމުންދިޔަ އޮފާތަށް ގިނަވަމުން ދިޔައެވެ. އެގޮތުން އިންޑިއަން ބްރައިޑަލް މޭކަޕާއި ވެސްޓަމް ބްރައިޑަލް މޭކަޕްތައް ކުރަމުން ދިޔަ ޝިޒޫއަށް އިތުރު ފުރުސަތުތަކެއް ލިބިގެން ދިޔައީ ފިލްމީ ދާއިރާއިން ލިބެންފެށި ފުރުސަތުތަކާ އެކީގައެވެ. ޝިޒޫގެ ބައެއް މޭކަޕްގެ ތެރެއިން ދިވެހި ފިލްމް "ނޯޓީ ޕްލަސް" އިން އޭނާގެ ހުނަރު ވަނީ އާންމުންނަށް ދައްކާލާފައެވެ.
މޭކަޕް އާޓީސްޓެއް ގޮތުގައި މަސައްކަތް ކުރަމުން އައި ޝިޒޫއަށް މިއަދު ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. ކޮވިޑް-19އަށް ފަހު ރިސޯޓްތައް ބަންދުވެ ގެސްޓުން އައުން މަޑުޖެހިފައިވާ ދަނޑިވަޅުގައި ޝިޒޫ އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތް ވަނީ މުޅިންހެން ހުއްޓިފައެވެ. ފިލްމީ ދާއިރާއިން އޮފާތައް ލިބިފައި ހުރި ނަމަވެސް ފިލްމްތަކުގެ މަސައްކަތްތައްވެސް މަޑުޖައްސާލާފައިވާ މި ދަނޑިވަޅުގައި ލިބެމުން ދިޔަ އާމްދަނީ ހުއްޓި އޭނާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ނަމަވެސް ޝިޒޫ އުންމީދު ދޫކޮށެއް ނުލައެވެ. ޝިޒޫ ބުނާ ގޮތުން މި ދުވަސްކޮޅު މަސައްކަތެއް ނެތި ގޭގައި ހުންނަން ޖެހުމުން ވަރަށް ފޫއްސެވެ. ގިނަ ދުވަސްތަކެއް މިގޮތަށް ހޭދަ ވާއިރު މޭކަޕް ނުކޮށް ހުރުމަކީ އޭނާގެ މަސައްކަތައް އެޅިގެން ދާނެ ހިޔަންޏެއް ކަމަށް ޝިޒޫ ގަބޫލުކުރެއެވެ. އެހެންކަމުން ސްކިލް އިމްޕްރޫވް ކުރުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ތަފާތު މޭކަޕެއް ކުރުމަށް އޭނާ ވަނީ އަޒުމް ކަނޑައަޅާފައެވެ.
ކްރިއޭޓިވް ތަފާތު މޭކަޕްތައް ކުރުމަށް ޝައުގުވެރިކަން ހުންނާތީ ޝިޒޫ މި ދުވަސްކޮޅު ދަނީ އޭނާގެ އިންސްޓާގްރާމް ޕޭޖުގައި އޭނާގެ ހުނަރު ދައްކަމުންނެވެ. އެގޮތުން މި ރޯދަމަސް ފެށުނު ފަހުން ކޮންމެ ދުވަހު ތަފާތު ތީމަކަށް މޭކަޕްކޮށް އެ މަސައްކަތް އޭނާ ވަނީ ހިއްސާކޮށްފައެވެ. އިންޑިއަން، އަރަބިއަން، ގޮތިކް މިހެން ގޮސް ތަފާތު މޭކަޕްތައް މިއަދާ ހަމައަށް އޭނާގެ ޕޭޖުގައި އަޕްލޯޑްކޮށްފައި ވެއެވެ.