ރާއްޖޭގަައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވަމުން އަންނަ މި ހައްސާސް ވަގުތު ކަރަންތީން ފެސިލިތީގައި ހުރި މީހަކު ޓެސްޓް ކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހެދުމުން އެ މީހާގެ މައްޗަށް ކޯޓު އަމުރު ނެރެފިއެވެ.

ސިވިލް ކޯޓުން މިރޭ ބުނީ، ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވަނީ ކަރަންޓީނު ފެސިލިޓީއެއްގައި މި ވަގުތު ހުރި މީހެއް ކަމަށެވެ. ކޯޓުން އަމުރު ނެރެފައިވަނީ އެމީހާގެ ސާމްޕަލް ދިނުމަށް އަމުރުކޮށްފައި ކަމަށާއި އެކަން ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ވެސް އެ އަމުރުގައި އަމުރުކޮށްފައިވާނެ ކަމަށް ސިވިލް ކޯޓުން ބުނެއެވެ.

ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ދިނުމަށް ދެކޮޅޫ ހެދި މީހަކަށް ކޯޓު އަމުރެއް ނެރުނު މީ ފުރަތަމަަ ފަހަރެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭގެ އެންގުންތަކާ ހިލާފްވާ ފަރާތަތަކަށް ސިވިލް ކޯޓުން ނެރުނު ފަސްވަނަ އަމުރެވެ. މީގެކުރިން ހަތަރު ފަހަރެއްގެ މަތިން ސިވިލް ކޯޓުން އަމުރު ނެރެގެން މީހުން ކަރަންޓީނަށް ވަނީ ގެންގޮސްފައެވެ.

މިއަދާ ހަމައަށް ރާއްޖެއިން ޖުމްލަ 396 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ހަމައެކަނި މިއަދުވެސް މި ބައްޔަށް 116 ފަރާޓެއް ވަނީ ޕޮޒިޓީވްވެފައެވެ. މިއީ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒޓިވްވި ދުވަހެވެ.