ކުރެއްދޫ ރިސޯޓަށް އަރާ ފޭބުމުގެ ހުއްދަ ހެލްތް ޕްރޯޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުރެއްދޫގެ މައްސަލައިގައި ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވިދާޅުވީ ކުރެއްދޫއަށް އަރާ ފޭބުމުހެ ހުއްދަ އެޗްޕީއޭން ދީފައިވާ ކަމަށެވެ.

މީގެ އިތުރުން ޖެނެރަލް މެނޭޖަރަށް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮރިކުރައްވާ ފޮނުވި ސިޓީގައި ބުނެފައި ވަނީ، ރިސޯޓްތަކާއި ސަފާރީތަކުން އެހެން ރަށްރަށަށް ދަތުރު ކުރުން ހުއްޓާލުމަށް އެންގި އެންގުމުގެ 5 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ކަންތައް ފުރިހަމަކޮށްފައިވާ ކަަމަށާއި، އެހެންކަމުން މިއަދުން ފެށިގެން އެ ރިސޯޓުން މީހުން އަރާ ފޭބޭނެ ކަމަށެވެ.

ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 2 ފަތުރުވެރިންނާއި 3 މުވައްޒަފުންނެވެ. އޭގެ ތެރޭގައި ކުރެއްދޫގެ ޑޮކްޓަރު ހިމެނެއެވެ. އެރަށުން ކޮވިޑް-19 ޖެހުނު އެންމެންވެސް ވަނީ ބަލިން ރަނގަޅުވެފައެވެ.

ކުރެއްދޫގައި މަސައްކަތްކުރާ މުވައްޒަފުން އެ ރިސޯޓުން ނުފުރި ތިބޭތާ ދެ މަސް ފަހުން އެ ހުއްދަ ލިބުނުއިރު، އެ މީހުން ކޮންމެ ދުވަހަކުވެސް ދަނީ އެކަމުގެ ޝަކުވާތައް ކުރަމުންނެވެ. އެރަށަށް އަރާ ފޭބުން މަނާކޮށްފައި އޮންނަތާ 54 ދުވަސް ފަހުން އެ ހުއްދަ ލިބުނުއިރު، އެރަށު އެންމެން ވަނީ ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ. އެގޮތުން އެރަށުގެ 649 ސާމްޕަލެއް ވަނީ ނަގާފައެވެ.