ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ޕާކިސްތާނުގައި ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 874 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށާ، މިއީ އެއް ދުވަހާ މިހާ ގިނަ އަދަދެއްގެ ބަޔަކު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި ދުވަސް ކަމަށް ޕާކިސްތާނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތައް ބުނެފިއެވެ.

މިއާއެކު ޕާކިސްތާނުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމުލަ އަދަދު 15759 އަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު 346 އަށް އަރާފައިވާކަމަށްވެސް އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޕާކިސްތާނުގައި މިހާރުވެސް ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މުޅި ގައުމު ލޮކްޑައުން ކޮށްފައިވާއިރު، މެއި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް މި ލޮކްޑައުންގެ އަމުރުގެ މުހުލަތު އިތުރު ކުރީ ހުސްވި ހަފުތާ ބަންދުގައި ކަން ފާހަގަކުރަންޖެހެއެވެ.

ކަންމިހެން އޮތްއިރު، ޕާކިސްތާނުގައި ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އެކަށީގެންވާ ގޮތެއްގައި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ނުލިބުމުގެ މައްސަލަތަކެއްވެސް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. މިމައްސަލައަކީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކަށްވެސް މިއަދު ކުރިމަތިލާންޖެހިފައިވާ ބޮޑު މައްސަލައެކެވެ.