ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން 2 މީހެއްގެ ފުރާނަ ގެއްލިފައިވާކަން، ޔަމަނުގެ ސިއްހަތާ ބެހޭ ވަޒީރު، އެގައުމުގެ ޓީވީއަކަށް ވިދާޅުވިކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

މީގެ އިތުރުން ޔަމަނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެގައުމުން ކޮވިޑް-19 ޖެހިފައިވާ 5 ކޭހެއް ފެނިފައިވާކަންވެސް ހާމަކޮށްފައެވެ. މިއީ މިފަދަ ކަމެއް، ޔަމަނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ފުރަތަމަ ފަހަރުވެސް މެއެވެ. މިއާއެކު ޔަމަނުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 6 އަށް އަރާފައެވެ.

ހަނގުރާމައިގެ ސަބަބުން ސިއްހީ ނިޒާމު އިނދަޖެހިފައިވާ ޔަމަނުގައި ކޮވިޑް-19 ފެތުރުން ފެށުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އދއިން ވަނީ އިންޒާރުކޮށްފައެވެ. އެހެނީ ބަލިމަޑުކަމެއް ފެތުރިގެންދާކަންވެސް ދެނެނުގަނެވި އެގައުމުގައި ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ބިރުވެރިކަން އޮތުމުންނެވެ.

ޔަމަނުން އެންމެ ފަހުން ކޮވިޑް-19 ކޭސްތައް ރިޕޯޓްކޮށްފައިވަނީ ދެކުނުގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ އޭޑަންއިންނެވެ. މިއާއެކު ކަމާ ބެހޭ ފަރާތްތަކުންވަނީ 3 ދުވަހުގެ މުއްދަތައް އެ ސަރަހައްދުގައި 24 ގަޑިއިރުގެ ކާފިއުގެ އަމުރު އިއުލާންކޮށްފައެވެ.

ޔަމަންގެ ވެރިރަށް ސަނާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތުގައި މީހަކު ހަރަކާތްތެރިވަނީ/ފޮޓޯ: މުޙައްމަދު މުޙައްމަދު

އދގެ ރެކޯޑްތަކަށް ބަލާއިރު އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލިފައިވާ މީހުންނާ، އެހެން ހިސާބުތަކުން އެނބުރި އަންނަ މީހުންނާ، ރެފިއުޖީންނާ، ހިމާޔަތަށް އެދިގެން އަންނަ މީހުން ހިމެނޭ ގޮތަށް، ދިރިހުރުމަށް އިންސާނީ އެހީއަށް ބަރޯސާވެފައިވާ 3.5 މިލިއަނެއްހާ މީހުން މިވަގުތު ޔަމަނުގައި އެބަތިއްބެވެ.

24 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޔަމަނުގެ އާބާދީގެ 80 ޕަސެންޓް މީހުންނަކީ އެހީއަށް ބަރޯސާވެފައިވާ ބައެއް ކަމަށާ، 10 މިލިއަނެއްހާ މީހުންނަށް ވަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

ޔަމަނުން އެންމެ ފުރަތަމަ ރިޕޯޓްކުރި ކޮވިޑް-19ގެ ކޭސް ރަނގަޅުވިކަމަށް މީޑިއާގައި އަޑު ފެތުރުނު ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެކަން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.