ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީގައި ތިބި މީހުން ބަނޑޮސް އައިލެންޑް ރިސޯޓަށް ބަދަލުކުރަން ނިންމައިފިއެވެ.
މިކަން ހާމަ ކުރެއްވީ ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރުމަސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ. މަބްރޫކް ވިދާޅުވީ، ފަރުކޮޅުފުށީގައި ތިބިފަރާތްތައްބަނޑޮހަށް ބަދަލު ކުރުމަށް ނިންމާފައި ވަނީ، އެތަނުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.
އެގޮތުން މީގެ ފަހުން ވެސް މާލެ ސަރަހައްދުން ފެންނަ ޕޮޒިޓިވް ކޭސްތައް ގެންދާނީ ބަނޑޮހަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް މިހެން ވިދާޅުވެފައިވާއިރު، ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަކަށް ހެދުމަށްޓަކައި 7.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ ބޮޑެތި ހަރަދުތަކެއް ކޮށްގެން ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަކަށް ހަދާފައިވީ ނަމަވެސް އެތަނުގައި އަދިވެސް ކުރަން ޖެހޭ މަރާމާތު އެބަ ހުރި ކަމަށެވެ. އެގޮތުން ފުރާޅުން ފެން ފޭބުމުގެ މައްސަލަ ދެ ވޯޑަކަށް ދިމާވެފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށްފަހު އަލުން ފަރުކޮޅުފުށި ބޭނުން ކުރެވޭނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ މިވަގުތު ޕްލޭން ބީ އެއްގެ ގޮތުގައި ފަރުކޮޅުފުށި ބޭނުން ކުރިއަސް، އެތަނަކީ ފަސޭހައިން ޑޮކްޓަރުންނާއި ނަރުހުންނަށް ދެވޭ ތަނަކަށް ވުމާއެކު، އެތަން އަލުން ބޭނުން ކުރެވެން ފަށާނެ ކަމަށެވެ.