ޗައިނާއިން މެޑިކަލް ސާމާނު ގެންނަން ފްލައިޓެއް ހަމަޖައްސައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެސްޓީއޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޗައިނާއިން މެޑިކަލް ސާމާނު ގެންނަން ފްލައިޓެއް ހަމަޖައްސާފައިވާ ކަމަށާއި މިއަދު އެ ފްލައިޓް އަންނާނެ ކަމަށެވެ.

އެ ފްލައިޓުން ގެންނަނީ މެޑިކަލް އިކުއިޕްއެންޓްސް ކަމަށާއި އޭގެ ތެރޭގައި ޕީޕީއީ ކިޓްސްއާއި އެނޫންވެސް މެޑިކަލް ސާމާނު ހިމެނޭ ކަމަށެވެ. އަދި އެއީ ކޮވިޑް-19އާ ގުޅިގެން ގެންނަ މެޑިކަލް ސާމާނުކަންވެސް ވަނީ ފާހަގަ ކޮށްފައެވެ. އެ ތަކެއްޗާ ގުޅޭ އިތުރު ތަފްސީލު ކޮވިޑްގެ ޕްރެސްއިން ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާއިން މެޑިކަލް ސާމާނު ރާއްޖެ ގެނައުމަށް ހަމައްސާފައި ވާއިރު، 800 މީހުންގެ ވަގުތީ ކަރަންޓީން ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ޗައިނާގެ ސްޓޭޓް ކޮންސްޓްރަކުޝަންގެ 100 މުވައްޒަފުން ކުރަމުން އެބަދެއެވެ. އަދި ހުޅުމާލޭގައި ޗައިނާގެ ބެއިޖީން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ކުންފުނިން 327 އެނދުގެ ކަރަންޓީނު ފެސިލިޓީއެއް ހެދުމުގައި ދަނީ އެހީތެރިވަމުން ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒިއާން ލިޒޯންގް ވަނީ ވިދާލޫވެފައެވެ.