ޕޮޒިޓިވްވި މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ޕާކިސްތާން މީހާ އޭޑީކޭއާއި، ޓްރީޓޮޕާއި އައިޖީއެމްއެޗަށް ދިޔަ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ، ރާއްޖެއިން ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ޕާކިސްތާނުގެ 48 މީހާ ވަނީ ކޮވިޑް-19 އަށް ޕޮޒިތިވްކަން އެނގުމުގެ ކުރިން 3 ހޮސްޕިޓަލަށް ގޮސްފައި ކަމަށެވެ. އެގޮތުން އޭނާ ދިޔައީ އޭޑީކޭ، ޓްރީޓޮޕް ހޮސްޕިޓަލް އަދި އައިޖީއެމްއެޗަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މި މީހާ ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމަށް އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރުމުގެ ސަބަބުން އޭނާއާ ކޮންޓެކްޓްވި 8 ފަރާތެއް އައިސޮލޭޓްކޮށް ޓޭސްޓި ހެއްދި ކަމަށެވެ. އަދި އެ ފަރާތްތަކުގެ ޓެސްޓު ނަތީޖާ ނެގެޓިވް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޕާކިސްތާނު މީހާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ދެ ފަހަރެއްގެ މަތިން ޒިޔާރަތް ކޮށްފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން މިކަމާ ގުޅިގެން 4 މީހަކު އައިސޮލޭޓްކޮށް ޓެސްޓު ކޮށްފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މި މީހުންގެ ޓެސްޓުގެ ނަތީޖާ ޕެންޑިންގައިވާއިރު، މި 4 ފަރާތް މިހާރުވެސް ތިބީ އައިސޮލޭޝަންގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ޕާކިސްތާނު މީހާ އައިޖީއެމްއެޗަށް ވެސް ދިޔަ ކަމަށާއި، އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އައިޖީއެމްއެޗުން ސާމްޕަލް ނަގާ ޓެސްޓު ހެއްދުމުން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާ، އައިސީޔޫގައި އެޑްމިޓް ކޮށްފައެވެ. އަދި އޭނާއަށް ދަނީ އޮކްސިޖަން ވެސް ފޯރުކޮށްދެމުންނެވެ. އޭނާ އެޑްމިޓް ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.