އިހުސާންތެރިކަން އިސްކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި، އިދިކޮޅު ކޯލިޝަން (ޕީޕީއެމް އަދި ޕީއެންސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަނިޔާވެރިކަމަށް ފުރުސަތު ނުދެއްވާ އިހުސާންތެރިކަން އިސްކުރެއްވުމާއެކު، ރައީސް ޔާމީންގެ ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި ގެއަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށެވެ.

ފަހަކަށް އައިސް މާފުށީ ޖަލުގައި ހަމަނުޖެހުންތައް ހިނގާ އަދި ގައިދީންގެ ފަރާތުން ތަފާތު އިންޒާރުތައް ޖަލުގެ އޮފިސަރުންނަށް ދެމުންދާކަމަށް މީޑިއާތަކުގައި ފެތުރެމުން ދަނިކޮށް، އިއްޔެ މާފުށީ ޖަލުގައި ފުލުހުންގެ އޮޕަރޭޝަނެއް ހިންގި ކަމުގެ މައުލޫމާތުވެސް ހަބަރުތަކުން ފެނިފައިވާ ކަމަށާއި ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ހޯމް މިނިސްޓްރީއާއި ފުލުހުން ވެސް ދީފައި ނުވާ ކަމަށް އިދިކޮޅުގެ އެ ސިޓީގައި ބުނެފައިވެއެވެ.

އިދިކޮޅުން ވަނީ ޖަލުގައި ރައީސް ޔާމީން ހުންނަވަނިކޮށް، އެތަނުގައި ހަމަނުޖެހުން ހިނގުމާއި، ފުލުހުންގެ އޮޕަރޭޝަންތައް ހިންގުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ފާހަގަ ކޮށްފައެވެ. މީގެއިތުރުން ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މާފުށީ ޖަލުގައި ވެސް މި ބަލި ފެތުރުމުގެ ބިރު އޮތްކަމާއި އަދި ރަމަޟާން މަހުގެ ރޭތަކާއި ދުވަސްތައް ޔާމީން ޖަލުގައި ހޭދަކުރައްވަން ޖެހުމަކީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުދާކަން ފާހަގަ ކޮށް، ރައީސް ޔަމީނަށް ގާނޫނީ ގޮތުން ހައްގުވާ ކަފާލާތުގެ ފުރުސަތު ވެސް ނުލިބޭ ކަމަށާއި، ކަން ހިނގާ ގޮތަށް ބަލާއިރު ރައީސް ޔާމީން އާއި އާއިލާ އަށް ސަރުކާރުގެ ފަރާތުން އަނިޔާވެރިވަމުން ދާ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ. އަދި ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ވެސް އެ ސިޓީގައި ވަނީ ގޮވާލާފައެވެ.

އިދިކޮޅުން ރައީސް ސޯލިހަށް ސިޓީއެއް ފޮނުވާފައި ވާއިރު، އިދުކޮޅުން ވަނީ މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އަށްވެސް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ވަނީ ފުލުހުން މާފުށީ ޖަލުގެ ގޮޅިތަކުން ގައިދީން ނެރެ ގޮޅިތަކާއި ގައިދީން ބަލާ ފާސްކޮށްފައިވާ ކަމަށްވެ މީޑިއާތަކުން ހާމަކޮށްފައި ވީނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައި ނުވާ ކަމަށާއި މިނިސްޓާ އިމްރާންއާ ގުޅުމަށް މަސައްކަތް ކުރިނަމަވެސް ފޯނަށް ޖަވާބު ދެއްވާފައި ނުވާކަމަށެވެ.

މީގެ އިތުރުން އިދުކޮޅު ކޯލިޝަނުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ރައީސް އައިޝަތު އީނާޝަށް ވެސް އެ ސިޓީ ފޮނުވާފައެވެ. އެ ސިޓީގައި، ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް ރަނގަޅަށް ބައްލަވައި ދެއްވުމަށް އެދިފައިވެއެވެ.