އެ އެޕްލިކޭޝަން މެދުވެރިކޮށް އިންތިހާއަށް ފޯވަޑް ކުރަމުންދާ މިންވަރު 70 ޕަސެންޓް މަޑުޖެހިފައިވާކަމަށް، ސޯޝަލް މެސެޖިންގް އެޕްލިކޭޝަން – ވަޓްސްއެޕްއިން ބުނެފިއެވެ.

މަޑުޖެހިފައިވާ ވައިރަލް މެސެޖުތަކަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅޭ ގޮތުން ފަތުރާ ހަގީގަތެއް އެކުނުލެވޭ މެސެޖުތަކަށްވުމުގެ ފުރުސަތުވެސް އެބައޮތެވެ.

ކޮވިޑް-19އާ ގުޅިގެން ދޮގު ޚަބަރު ފެތުރުމުގެ އޮއެވަރެއް ފެށިގެންދިޔައިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އެކަމަށްވަނީ "އިންފޮޑެމިކް" ނަމުން ނަމެއްވެސް ދީފައެވެ.

މީގެ 2 ހަފުތާއެއްހާ ދުވަސް ކުރިން ވަޓްސްއެޕްއިންވަނީ އެއް ޔޫޒާ އެކައުންޓްއިން އެއް މެސެޖެއް 5 އެކައުންޓަށް ވުރެ ގިނައިން ފޮނުވާނަމަ އެ މެސެޖުތައް ހުއްޓުވަން ފަށާފައެވެ. އަދި އެއް ފަހަރާ އެއް ގުރޫޕަށްވުރެ ގިނަ ގުރޫޕަށްވެސް އެއް މެސެޖެއް ނުފޮނުވޭ ގޮތަށް ވަޓްސްއެޕްއިންވަނީ ކަނޑައަޅާފައެވެ.

ކަންމިހެން އޮތް ނަމަވެސް، ދޮގު ޚަބަރު ފެތުރުމާ ދެކޮޅަށް ވަޓްސްއެޕްއިން އަދިވެސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.