މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ނުފޫޒުގަދަ ފިލްމް ފެސްޓިވަލްތައް ކަމަށްވާ ބާލިން، ކޭންސް، ޓޮރޯންޓޯ އަދި ވެނިސްއިން އަތު ގުޅާލާ، ޔޫ-ޓިއުބް އިވެންޓްއެއް ހޮސްޓްކުރުމަށް އެއްބަސް ކިޔައިފިއެވެ.

"ވީ އާ ވަން: އަ ގްލޯބަލް ފިލްމް ފެސްޓިވަލް" ގެ ނަމުގައި މި އިވެންޓް ފަށަން ހަމަޖެހިފައި ވަނީ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.

ވަރުގަދަ ފިލްމް ފެސްޓިވަލްތައް ޔޫ-ޓިއުބް ޕްލެޓްފޯމަށް މިގެންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު، ފިލްމީ ސިނާއަތް މުޅިންހެން ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.

10 ދުވަހަށް ދެމިގެންދާ އޮންލައިން ފިލްމް ފެސްޓިވަލްއަކީ، ކޮވިޑް-19 އާ ކުރިމަތިލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އެކުލަވާލާފައިވާ ފަންޑަށް ފައިސާ އެއްކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ އިވެންޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި އިވެންޓްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 20 ފިލްމް ފެސްޓިވަލްއެއް ބައިވެރިވާނެ ކަމަށް މައުލުމާތު ލިބެއެވެ. އޭގެ ތެރޭގައި ބީއެފްއައި ލަންޑަން ފިލްމް ފިލްމް ފެސްޓިވަލް، ޖެރޫސަލެމް ފިލްމް ފެސްޓިވަލް، މުމްބާއީ ފިލްމް ފެސްޓިވަލް އަދި މަރަކީޝް އިންޓަނޭޝަނަލް ފިލްމް ފެސްޓިލް، ސަންޑާންސް ފިލްމް ފެސްޓިވަލ އަދި ޓްރައިބެކާ ފިލްމް ފެސްޓިވަލްވެސް ބައިވެރިވާކަމަށް ޚަބަރު ލިބެއެވެ.