ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ފޭސްބުކްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށްފައިވާކަން ހާމަވެއްޖެއެވެ.

ފޭސްބުކްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށްފައި ވަނީ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ޚަބަރު ލިބެއެވެ.

ފޭސްބުކްގެ ޓްވިޓާ އަދި އިންސްޓަގްރާމް އެކައުންޓް ހެކް ކޮށްފައިވަނީ 'އަވާމައިން' ގެ ނަމުގައި ހަރަކާތްތެރިވާ ހެކަރުންގެ ގުރޫޕަކުންނެވެ. މިގުރޫޕުން ހެކްކޮށްފައިވަނީ ފޭސްބުކް އަދި މެސެންޖާގެ އެކައުންޓްތައް ކަމަށްވާއިރު، "ފޭސްބުކް އަކީވެސް ހެކްކުރެވޭ" ޕްލެޓްފޯމެއް ކަމަށް ބުނާ އިންޒާރެއްވެސް ހެކަރުން ވަނީ ޕޯސްޓްކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ހެކަރުންގެ އަތުން ފޭސްބުކް އަށް މި އެކައުންޓްތަކުގެ ކޮންޓްރޯލް މިހާރު ވަނީ ގެންގޮސްފައެވެ.

ޓްވިޓާއިންވެސް ވަނީ ހެކަރުންގެ ހަމަލާ އައިކަން ކަށަވަރުކޮށްދީފައެވެ. އަދި މި ހަމަލާ އައިސްފައިވާ ތާޑްޕާޓީ މެދުވެރިކޮށް ކަމަށް ވާއިރު، އެލާޓް އައުމާއެކު އެކައުންޓްތައް ލޮކްކޮށް، މައްސަލަ ހައްލު ކޮށްފައި ވާނެ ކަމަށްވެސް ޓްވިޓާއިން ވަނީ ބުނެފައެވެ.

'އަވަމައިން' އިން ބުނީ މިއީ ސައިބާ ޕްލެޓްފޯމުގެ ނާޒުކުކަން ސާބިތުކޮށްދިނުމަށް ހިންގި އަމަލެއް ކަމަށެވެ. މިއަހަރު ޖަނަވަރީ މަހު ހަމަ މި ގުރޫޕުންވަނީ އެމެރިކާގެ ގައުމީ ފުޓުބޯޅަ ލީގުގައި ހިމެނޭ ގިނަ ޓީމުތަކެއްގެ އެކައުންޓްތައްވެސް ހައިޖެކްކޮށްފައެވެ.