ކޮރަޕްޝަންގެ ދައުވާތަކަކާ ކުރިމަތިލާންޖެހިފައިވާ ޚުދުމުޚުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫއަށް ބާރުތައް ލިބިދޭ ގޮތަށް އިސްރާއީލުގައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް ދެކޮޅަށް އިސްރާއީލުގެ އެތައް ހާސް ރައްޔިތުނެއް މުޒާހަރާކޮށްފިއެވެ.

ނަތަންޔާހޫއަކީ ޖިނާއީ ކުށްވެރިއެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ކަމުގެ މަގާމުން ދެން ނަތަންޔާހޫ ފެންނަން ބޭނުން ނުވާކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.

އިސްރާއީލުގައި އެކުލަވާލާ ގުޅިފައިވާ ސަރުކާރަކީ، ގާނޫނީ އޮފިޝަލުންނާ ޝަރުއީ ދާއިރާގެ ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރުވެސް ނަތަންޔާހޫއަށް ލިއްބައިދޭނެ ސަރުކާރަކަށް ވާއިރު، އެކަމަކީ ޑިމޮކްރަސީ ފުނޑުފުނޑު ކޮށްލާނެ ކަމެއްކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ސިފަކޮށްފައެވެ. އަދި މި ފަދަ ނިންމުމަކީ، އޭނާއަށް ކުރިމަތިލާންޖެހިފައިވާ ގާނޫނީ މައްސަލަތަކުން ދިފާއު ހޯދުމަށް ނަތަންޔާހޫއަށް ފަހިކޮށްދޭ ފުރުސަތެއް ކަމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ސިފަކޮށްފައެވެ.

ރިޝްވަތުގައި ހިފުމާ ހިޔާނާތާ އަދިވެސް އެފަދަ މައްސަލަތަކެއްގައި ނަތަންޔާހޫއާއި ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރިޔަތް އަންނަ މަހު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް ނަތަންޔާހޫ ދަނީ މި ހުރިހާ ތުހުމަތަކަށް، ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ (ކ) އަދި އިދިކޮޅު ލީޑަރު ބެނީ ގެންޓްޒް (ވ) އާންމު އިންތިހާބުގައި ވޯޓު ދެއްވަނީ/ފޮޓޯ: ރޮއިޓާޒް

ނަތަންޔާހޫއާއި ދެކޮޅަށް ހޮނިހިރު ދުވަހުގެ ރޭ މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ ތެލް އަވީވްގެ ރަބީން މައިދާނުގައެވެ. މި ދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ ކުރިމަތިވެފައިވާ ދަނޑިވަޅަކަށް ވާއިރު، މާސްކު އަޅައިގެން ތިބި ރައްޔިތުން މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ އިޖުތިމާއި ގައިދުރުކަމާވެސް އެކުގައެވެ.

އިސްރާއީލު އަސްކަރިއްޔާގެ ކުރީގެ އިސްވެރިޔާ ބެނީ ގަންޓްޒްއާ ނަތަންޔާހޫ ބާރުތައް ހިއްސާކުރުމުގެ އެއްބަސްވުމަކަށް އައީ މިދިޔަ ހޯމަ ދުވަހުއެވެ. އިސްރާއީލުގައި އާ ސަރުކާރެއް އެކުލަވާލުމަށް އަހަރެއްހާ ދުވަހުގެ ތެރޭގައި 3 ފަހަރެއްގެ މަތިން ވަނީ އިންތިހާބުތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އެއްވެސް އިންތިހާބެއްގައި، އެއްވެސް ފަރާތަކަށް އަގުލަބިއްޔަތު ކަށަވަރު ވާގޮތް އޮތީ ނުވެފައެވެ.