ދިގުލާ ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުގެ ދެކުނުގައި ވަކިވެގަތުމަށް މަސައްކަތް ކުރަމުންދާ ޖަމާއަތަކުން އެ ސަރަހައްދުގައި ވަކި އިދާރީ ވެރިކަމެއް ގާއިމުކުރުމަށް ނިންމާ، އެކަން އިއުލާންކޮށްފިއެވެ.

މިކަންވެގެންދާނީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރަށް ކުރިމަތިލާންޖެހޭނެ ގެއްލުން ބޮޑު ކަމަކަށެވެ.

ޔަމަނުގެ ސަދާން ޓްރާންސިޝަނަލް ކައުންސިލް (އެސް.ޓީ.ސީ)އިން މިއަދު ހެނދުނުގެ ވަގުތެއްގައި އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، އެ ސަރަހައްދުގައި ސްޓޭޓް އޮފް އެމާޖެންސީ އިއުލާންކޮށްފައިވާ ކަމަށާ، ދެކުނުގެ ބަނދަރު ސިޓީ އޭޑަންއާއި އެހެންވެސް ދެކުނު ޕްރޮވިންސް ހިމެނޭ ގޮތަށް އެ ސަރަހައްދުގެ ވެރިކަން ދެން އަމިއްލައަށް ކުރަމުންދާނީ އެ ޖަމާއަތުން ކަމަށެވެ.

ޔަމަނު ހަނގުރާމާއިގެ ތެރޭގައި ކުޑަކުއްޖަކު ހަތިޔާރު ހިފައިގެން/ފޮޓޯ: އަލްއަރާބީ

ޔަމަނުގެ ދެކުނުގައި ވަކި ވެރިކަމެއް ގާއިމުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ދަންވަރު 00:00 އިން ފެށިގެން ކަމަށްވެސް އެސް.ޓީ.ސީގެ ބަޔާނުގައިވެއެވެ.

އެސް.ޓީ.ސީއިން ބުނާ ގޮތުގައި ޔަމަނުގެ އެއްބާރުލުން ލިބިފައިވާ ޔަމަނުގެ މައި ސަރުކާރަކީ ކޮރަޕްޓްވެ، ކަންކަން މެނޭޖުނުކުރެވި ބޮއްސުންލައިގެން ގޮސްފައިވާ ސަރުކާރެކެވެ. އެސް.ޓީ.ސީއަކީ އެކުވެރި އަރަބި އިމާރާތުގެ އެއްބާރުލުން ލިބިފައިވާ ކައުންސިލެއްކަން ފާހަގަކުރަންޖެހެއެވެ.

ޔަމަނުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތުގެ ބައެއް މީހުން އުފާފާޅުކުރަނީ/ފޮޓޯ: ފަވާޒް ސަލްމާން

މިއާއެކު އެއް ފަރާތުގައި އޮތީ އެސް.ޓީ.ސީއެވެ. އަނެއް ފަރާތުގައި އޮތީ ޔަމަނުގެ ކުރީގެ ރައީސް ޢަބްދު-ރައްބު މަންސޫރު ހާދީގެ ފެކްޝަންއެވެ. ހަގީގަތުގައި މި ދެ ބައި މީހުންނަކީވެސް ޔަމަނުގެ ވެރިކަން ވައްޓާލާ، އެގައުމުގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ކުރަމުންދާ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅު ފެކްޝަންއެކެވެ. މިއާއެކު ދިގުލާ ގޮސްފައިވާ ޔަމަނުގެ ދާހިލީ ހަނގުރާމައަށް އިތުރު ހައިޖާނުތަކެއް މިވަނީ ކުރިމަތިވެފައެވެ.

ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ ފަޅި ބައިބައިވެ، ވަކި ފެކްޝަނެއް އުފެދި ހާދީގެ ސަރުކާރާ ދެކޮޅަށް ތެދުވީ ހުސްވި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. މި ދިމާލުންވެސް ހަމަލާ ބަދަލު ކުރުންތަކެއް ކުރިއަށް ދިޔައެވެ. ނަމަވެސް އެކަން ހުއްޓުމަކަށް އައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކުލަވާލި އެއްބަސްވުމާއެކުގައެވެ.

ސައުދީ އަރަބިއްޔާގެ ރިޔާދުގައި އެކުލަވާލި އެއްބަސްވުން ބުނާ ގޮތުގައި އެސް.ޓީ.ސީއާއި ދެކުނުގެ އެހެން ސަރަހައްދުތަކަކީ ޔަމަނުގެ ގައުމީ އާ ކެބިނެޓްގައި ބައިވެރިވާނެ ބައެކެވެ. އަދި މި ސަރަހައްދުތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރުގެ ދަށުން ވެރިކަން ހިންގާނެ ސަރަހައްދުތަކެއް ކަމުގައިވެސް އޮތީ ކަނޑައަޅާފައެވެ.

ކަންމިހެން އޮތްއިރު، އެސް.ޓީ.ސީއިން ވަކި ވެރިކަމެއް އިއުލާންކުރި ކުރުމަކީ ރިޔާދު އެއްބަސްވުމާ ހިލާފު ނިންމުމެއް ކަމަށް ޔަމަނުގެ ހާރިޖީ ވަޒީރު މުޙައްމަދު އަލް-ހަދުރާމީ ވަނީ ފާހަގަކުރައްވާފައެވެ. މިއީ އެ ޖަމާއަތުން ގެންގުޅޭ ހަނގުރާމަވެރި ރޫހު ދައްކުވާދޭ ކަމެއް ކަމަށްވެސް އަލް-ހަދުރާމީ ވަނީ ސިފަކުރައްވާފައެވެ. އަދި މި ނިންމުމުގެ ސަބަބުން ގެއްލުން ބޮޑު ނަތީޖާތަކަކާ ޓްރާންސިޝަނަލް ކައުންސިލަށް ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރުވެސް ޔަމަނުގެ ހާރިޖީ ވަޒީރު ވަނީ ދެއްވާފައެވެ.

ދިގުލާ ގޮސްފައިވާ ޔަމަނު ހަނގުރާމާގައި މަރުވި މީހުންގެ އަދަދު 100000 އަށް އަރާފައިވާއިރު، އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި މިހާރު އޮތް ޔަމަނުގެ އާބާދީ މިވަގުތު ވަނީ، އިންތިހާ ބަނޑުހައިހޫނުކަމުގެ އަނދަވަޅަކަށް ވެއްޓުމުގެ ތުންފަތް މަތީގައެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާވެސް ޔަމަނަށް ވަނީ ފޯރާފައެވެ. ޔަމަނުން ކޮވިޑް-19 ޖެހިގެން ކޭހެއް ރިޕޯޓްކޮށްފައިވާއިރު، އެމީހާގެ ބަލި ފަސޭހަވެފައިވާކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޔަމަނުގެ ވެރިރަށް ސަނާގައި ކޮވިޑް-19 ޕޭޝަންޓުންނަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލަކުން ނިކުމެގެންދާ މީހެއް/ފޮޓޯ: ޚާލިދު ޢަބްދުﷲ

ކަންމިހެން އޮތް ނަމަވެސް، ޔަމަނުގައި ބަލިމަޑުކަން ފެތުރިގެން ދިއުން ވެގެންދާނީ އިންތިހާއަށް ނުރައްކާ ބޮޑު ކަމަކަށް ކަމަށް ބުނެ، ތަޖުރިބާކާރުން ދަނީ އިންޒާރުކުރަމުންނެވެ.