ދުނިޔޭގެ އަދުގެ ހާލަތާ ގުޅިގެން، ދިވެހި މުޖުތަމައު ގުޅުވާލަދިނުމަށްޓަކާ، އިންޓަނެޓްގެ ހިދުމަތާއި މުވާސަލާތީ ގުޅުން މެދުނުކެނޑި ބޭނުން ކުރުމަށް އުރީދޫ އިން ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދީފިއެވެ. އެގޮތުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި ރަމަޟާން މަހަށް ހާއްސަ އޮފާތަކެއް މިއަދު އުރީދޫ އިން ވަނީ އިއުލާނުކޮށްފައެވެ.

އޭގެތެރޭގައި ހިމެނޭ އެއް އޮފާ އަކީ ޑެއިލީ ޑޭޓާ ކޮމްބޯއެވެ. މި ރަމަޟާން މަހު އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އުރީދޫއިން ތަޢާރަފްކޮށްފައިވާ ޑެއިލީ ޑޭޓާ ކޮމްބޯގައި ހިމެނެނީ މުޅި ދުވަހަށް ބޭނުންކުރެވޭ 1 ޖީބީ ޑޭޓާ އަދި އަންލިމިޓެޑް ކޯލްސްއެވެ. އެންމެ 35 ރުފިޔާ އަށް ލިބޭ މި ޕެކޭޖް އެކްޓިވޭޓް ކުރެއްވުމަށް *929*1# އަށް ގުޅުއްވާ ނުވަތަ http://ore.do/app އަށް ޒިޔާރަތް ކުރުމަށް އުރީދޫއިން އެދެއެވެ.

ދެވަނަ އޮފާއެއްގެ ގޮތުގައި އުރީދޫ އިން އިއުލާންކޮށްފައިވަނީ 50 ޕަސެންޓު އެކްސްޓްރާ ޑޭޓާއެވެ. އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން މި ރަމަޟާން މަހު އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު 50 ޕަސެންޓު ޑޭޓާ އިތުރަށް ލިބިވަޑައިގަންނަވާނެއެވެ. އުރީދޫ އިން ބުނީ އެ ޕެކޭޖު ހޯދުމަށް ނުވަތަ އެކްޓިވޭޓް ކުރެއްވުމަށް http://ore.do/app އަށް ޒިޔާރަތް ކުރުމަށް އެދޭ ކަމަށެވެ.

އުރީދޫ އިން އިއުލާންކުރި ތިންވަނަ އޮފާ އަކީ 5x ބޯނަސް ޑޭޓާއެވެ. އެކުންފުނިން ބުނީ އުރީދޫ އެޕް މެދުވެރިކޮށް ކުރައްވާ 50 ރުފިޔާ އަށް ވުރެ މަތީގެ ކޮންމެ ރިޗާޖަކާއި އެކު 5x ޑެއިލީ ޑޭޓާ ބޯނަސް ލިބިވަޑައިގަންނަވާނެއެވެ. އެކްޓިވޭޓް ކުރެއްވުމަށް http://ore.do/app އަށް ޒިޔާރަތް ކުރުމަށް އުރީދޫ އިން އެދެއެވެ.

އުރީދޫ އިން ވަނީ ނަމާދު އެލާޓް، ވައިބާ އަދި އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ ގޮތް ހަދާފައެވެ. އުރީދޫ އިން ބުނީ ވައިބާ އާއި އެކު އުރީދޫއިން ފޯރުކޮށްދޭ އެ ހިދުމަތާއި އެކު، ނަމާދު އެލާޓް މި ރަމަޟާން މަހު ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ. މިކަމާއި ގުޅޭ ވައިބަރ ސްޓިކަރ ޕެކް ޑައުންލޯޑް ކުރައްވައިގެން ނަމާދު އެލަރޓް އެކްޓިވޭޓް ކުރެއްވޭނެއެވެ.

"މި އަހަރުގެ ރަމަޟާން މަސް ވެގެންދާނީ އަޅުގަނޑުމެން އެންމެނަށް ވަރަށް ތަފާތު ރަމަޟާން މަހަކަށް. އާއިލާ އާއި އެކުވެރިން އެއްތަންވެ، ޒަމާނުއްސުރެ ފާހަގަކުރަމުން އައި ބައެއް ކަންކަން މި ފަހަރު ކުރެވެން ނެތް. މުޖުތަމައު އަށް ކުރިމަތިވެފައިވާ މި އުނދަގޫ ހާލަތުގައި ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އެންމެން އެކު އެކީ ގުޅުވާލަދިނުމަކީ އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ، އެންމެ މުހިއްމު ކަންތައް. ގޭގައި ތިބެގެން އަދި އާއިލާ އާއި ދުރުގައި އޮފީހުގައި ތިބެގެން ރާއްޖޭގެ ރައްޔިތުންގެ މުވާސަލާތީ ބޭނުންތަކަށް ހިދުމަތްދިނުމުގައި ތިބި އުރީދޫ އާއިލާގެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" އުރީދޫގެ އެމްޑީ އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވިއެވެ.

އެކުންފުނިން ބުނީ ރަމަޟާން މަހަށް ހާއްސަކޮށް އުރީދޫ އިން ފޯރުކޮށްދޭ ޑިޖިޓަލް އޮފާތަކާއި ގުޅޭ އިތުރު މައުލޫމާތު http://ore.do/ramadan އަށް ޒިޔާރަތްކުރެއްވުމުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.