ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވި ކަމަށް ފާހަގަކުރެވުނު ހަމައެކަނި މީހާއަށް ޝިފާ ލިބި، ބަލިން ރަނގަޅުވެފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ހަދްރަމައުތުގެ ގަވަރުނަރު ފަރާޖު ސަލްމީން އަލް ބަސްނީ، އަލް-އަރަބިއްޔާ ޓީވީއަށްދެއްވި ބަސްދީގަތުމަކާ ހަވާލާދީ ޚަބްރާ އޭޖެންސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަމަނުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާގެ އެންމެ ފަހުގެ ޓެސްޓުތައް ދައްކާ ގޮތުން، ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ.

ޔަމަނުން ކޮވިޑް-19ގެ ކޭހެއް ފެނިގެން އެންމެ ފުރަތަމަ ރިޕޯޓްކުރީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އޭގެ ފަހުން އިތުރު ކޭހެއްގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓްތަކުން މި ގޮތަށް ބުނެފައި ވީ ނަމަވެސް، ޔަމަނުން ޕޮޒިޓިވްވި މީހާ ރަނގަޅުވިކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ތަފާސް ހިސާބުތަކުގައި އަދި ފާހަގަކޮށްފައެއް ނުވެއެވެ.

ޔަމަނަކީ ކޮވިޑް-19 ފެތުރިގެން ހިނގައްޖެނަމަ އެންމެ ނުރައްކާވާނެ އެއް މަންޒިލެވެ. ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުގެ ސިއްހީ ނިޒާމު ވަނީ އިންތިހާއަށް ބަލިކަށިވެފައެވެ. މީގެ އިތުރުން އެގައުމުގެ ރައްޔިތުން މިހާރުވެސް ދިރިއުޅެމުންދަނީ އިންސާނީ ކާރިސާއެއްގެ ތުންފަތްމަތީގައިކަންވެސް ފާހަގަކުރަންޖެހެއެވެ.