ކޮވިޑް19 ފެތުރެމުންދާތީ ލޮކްޑައުންގެ ހާލަތަަށް މާލެ ގެނެސްފައިވާ މި ދަނޑިވަޅުގައި މިހާތަނަށް 124 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާތަނަށް 124 މީހަކަށް ވަނީ ބޯހިޔާވަހިކަން ހޯދައިދީފައި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުން މާލެ އައިސް ތާށިވި މީހުންނާއި، ޖަލުން ދޫކޮށްލި ބައެއް މީހުންނާއި ކުލި ނުދެއްކިގެން ނެރުނު މީހުންނާއި، ބޭސްފަރުވާ އަށް މާލެ އައިސް ހާލުގައި ޖެހުނު މީހުންނާއި، ޑްރަގްސްގެ ވަބާގައި ޖެހިފައި ތިބި މީހުންނާއި މަގުމަތީގައި އުޅެން ޖެހިފައިވާ ބައެއް މީހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ އަންނައުނު ވެސް ހޯދައިދީފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މާލެ ލޮކްޑައުންގެ ހާލަަތަށް ގޮސް ކުލި ނުދެއްކޭތީ ގެއިން ނުކުންނަން ޖެހޭ ބައެއް ފަރާތްތައް ފެނި އެ ފަރާތްތަކަށް އަންނަނީ ސަރުކާރުން އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން ޖެންޑާ މީނިސްތޤރީން އެފަރާތްތައް ވަގުތީ ބޯހިޔާ ވަހިކަމަށް ގެންގޮިސް ކެއުންބުއިމާއި އެ މީހުންނަށް ބޭނުންވާ ޒަރޫރީ ތަކެތީ ވެސް އަންނަނީ ފޯރުކޮށް ދެމުންނެވެ.

މާލެ ސަރަހއްދުން ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ތިން ސްކޫލެއް ވަނީ ހަމަޖައްސާފައެވެ. އެއީ އިމާދުއްދީން ސްކޫލާއި ރެހެންދި ސްކޫލާއި ގާޒީ ސްކޫލެވެ. މީގެ އިތުރުން ހާލުގައި ޖެހޭ އާއިލާތަކަށް އެހިޓެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި އިސްލާމިކް މިނިސްޓްރީން ވަނީ ޒަކާތު ފަންޑުން 1 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައެވެ.