މިއަދު 2 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މިއަދު 2 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު ޕޮޒިޓިވްވެފައި ވަނީ 2 ދިވެހިން ކަމަށެވެ. އަދި އެމީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު ޕޮޒިޓިވް ވި ދެ ކޭސް އަށް އެޗްޕީއޭއިން ކޭސް ނަމްބަރު ދީފައި ވަނީ ކޭސް 96 އަދި ކޭސް 26 ގެ ގޮތުގައެވެ. ކުރިން ޕޮޒިޓިވްވި ކޭސްގެ ތެރޭގައި ހިމެނުނު ކޭސް 26 އަކީ ޕްރޮބަބްލް ކޭސްއެއްގެ ގޮތުގައި ގުނާތީ މިހާރު އެކޭސް ޕޮޒިޓިވް ކޭސްއެއްގެ ގޮތުގައި ނުބަލާ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. އެހެނަކމުން ދެން އެންމެ އަވަހަށް ޕޮޒިޓިވްވާ ކޭސްއަށް އެ ނަމަބރު ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެޗްޕީއޭއިން ރޭ ވަނީ ބުނެފައެވެ،

މިހާތަނަށް އިއްޔެ އަކީ ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ކަމަށް އިއުލާން ކުރި ދުވަހެކެވެ. އިއްޔެ ވަނީ ޖުމްލަ 23 ޕޮޒިޓިވް ކޭސް އިއުލާން ކޮށްފައެވެ.

މި ދެކޭސްއާ އެކު މިހާރު ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ ވަނީ 110 އަށް އަރާފައެވެ. މީގެ ތެރެއިން ރަނގަޅުވެފައި ވަނީ 16 މީހުންނެވެ. އަދި ބަލި މީހުން (އެކްޓިވް) ގެ ގޮތުގައި މިހާރު 92 މީހުން އެބަ ތިއްބެއެވެ.