ކޮވިޑަށް މިއަދު 9 މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މިއަދު ކޮވިޑަށް ޕޮޒިޓިވް ވި 9 މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި ބަންގްލަދޭޝްގެ 5 މީހުން ކަމަށެވެ. އަދި މިއީ މާލޭ ސަރަހައްދުން ފެނުނު ކޭސްތަކެއް ކަމަށާއި އެ ފަރާތްތައް އައިސޮލޭޝަން ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު 9 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން އިއުލާން ކޮށްފައި މިވަނީ ޕޮޒިޓިވް ކޭސް އެއް އިއުލާން ނުކުރާތާ 24 ގަޑިއިރަށް ވުރެ ގިނަ އިރު ފަހުންނެވެ. އެންމެ ފަހުން ޕޮޒިޓިވް ވެގެން އެޗްޕީއޭއިން އިއުލާން ކޮށްފައި ވަނީ 22 ވަނަ ދުވަހުގެ ދަންވަރު 2 ގެ ފަހުން ކުރި ޓްވީޓުގައި ހާމަ ކުރި ކޭސް 85 އަކާއި ކޭސް 86 އެކެވެ.

އެހެން ކަމުން މިހާރު ރާއްޖެއިން ޕޮޒިޓިވް ވި ކޭސްގެ ޖުމްލަ އަދަދު މިވަނީ 95 އަކަށް އަރާފައެވެ. އަދި މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މި ވަނީ 74 އަކަށް އަރާފައެވެ.

މާލެ ސަރަހައްދުން މި ބަލި ގައިން ގައަށް ފެތުރެމުން ދާތީ މި މަހުގެ 15 ވަނަ ދުވަހު ވަނީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައެވެ. ނަމަވެސް ފަހުން މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ. މާލެ ސަރަހައްދުގައި ބަލި ފެތުރެމުން ދާތީ އެލާޓް ސްޓޭޓަސް ރެޑަށް ވަނީ މަތިކޮށްފައެވެ.