އިންޑޮނޭޝިއާގެ ވެރިރަށުގެ ގޮތުގައި ހަމަޖެއްސުމަށް އެގައުމުން ކަނޑައަޅާފައިވާ އާ ސަރަހައްދަށް ސުނާމީގެ ނުރައްކާ އެބައޮތް ކަމުގެ އިންޒާރު، ސައެންސްވެރިން ދީފިއެވެ.
ބޯނެއޯއާއި ސުލާވެސީއާ ދެމެދު އިންނަ މަކައްސަރު ސްޓްރެއިޓްގައި ގަދީމީ ބިންގަނޑުކަނޑައިގެން ދިއުމުގެ ހެކިތަކެއް ދިރާސާ ޓީމުން އެކުލަވާލި ޗާޓުތަކުން ފާހަގަކުރެވިފައިވާކަމަށް ޚަބަރު ލިބެއެވެ.
އެފަދަ އެންމެ ވަރުގަދަ ހާދިސާތަކެއް މިއަދު ހިނގަންވެއްޖެނަމަ، ބަލިކްޕަޕާން ބޭއޭ ކިއުނު ސަރަހައްދު ގަރަގުކޮށްލާވރުގެ ސުނާމީއެއް އުފެދުމުގެ ފުރުސަތު އެބައޮތްކަމަށް ސައެންސްވެރިން ފާހަގަކުރެއެވެ. މި ސަރަހައްދަކަށް އިންޑޮނޭޝިއާގެ އާ ވެރިރަށުގެ ގޮތުގައި ހަމަޖެއްސުމަށް އެގައުމުން ކަނޑައަޅާފައިވާ ސަރަހައްދާ ދާދި ކައިރީގައި އޮތް ސަރަހައްދެކެވެ.
ކަންމިހެން މިހެން އޮތް ނަމަވެސް، މިއީ މާ ބޮޑަށް ހާސްވެ، ކަންބޮޑުވާންވީ ސަބަބެއް ނޫންކަމަށްވެސް ބައިނަލްއަގުވާމީ ދިރާސާ ޓީމުން ވަނީ ބުނެފައެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ހެރިއަޓް-ވޮޓް ޔުނިވާސިޓީގެ ޑރ ޔޫސިޑީން ނިކޯލްސަން ވިދާޅުވީ، އަދިވެސް ހާލަތު ދެނެގަތުމުގެ ގިނަ ދިރާސާތަކެއް ކުރަންޖެހިފައިވާކަމަށާ، މިއީ އިންޑޮނޭޝިއާގެ ސަރުކާރުން ނުރައްކަލެއްގެ ގޮތުގައި ކޮންމެވެސް ހިސާބެއްގައި ދަފުތަރުކޮށްފައި އޮންނަންޖެހޭނެ ކަމެއް ކަމަށެވެ.
އިނގިރޭސިވިލާތާ އިންޑޮނޭޝިއާގެ މެމްބަރުން ހިމެނޭ ދިރާސާ ޓީމުން ތަހުލީލުތައް ކުރިއަށް ގެންގޮސްފައިވަނީ މަކައްސަރު ސަރަހައްދުގެ ކަނޑުގެ ސަތަހަ ދިރާސާކުރުމުގައެވެ. މި ދިރާސާއިން ފާހަގަކުރެވުނު ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިށާ ހިނގާފައިވާ ތާރީހެއް ކަނޑައެޅިގެން ބުނަން ނޭނގެނު ކަމުގައި ވީ ނަމަވެސް، އެއީ ފާއިތުވީ 2.6 މިލިއަނެއްހާ އަހަރު ތެރޭގައި ހިނގާފައިވާ ކަމެއްކަމަށް ދިރާސާ ޓީމުން ލަފާކުރެއެވެ.
މި ދިރާސާ އާންމުކޮށްފައިވަނީ ޖިއޮލޮކިކަލް ސޮސައިޓީ އޮފް ލަންޑަންގެ ޖާނަލްގައެވެ.
2018 ވަނަ އަހަރުގެ ތެރޭގައިވެސް އިންޑޮނޭޝިއާއަށް ވަނީ ބިންގަނޑުކަނޑައިގެން ދިއުމުގެ ސަބަބުން 2 ސުނާމީ އަކާ ކުރިމަތިލާންޖެހިފައެވެ. އެއީ އަނަކް ކްރަކަޓޯއާ އަލިފާން ފަރުބަދަ ގޮވާ، އެއިން ބައެއް ކަނޑައިގެން ވެއްޓިގެން ދިއުމާ، ސުލާވެސީގެ ޕާލޫ ބޭގެ ބައެއްގައި ހިނގި ހާދިސާއެވެ.
ބިންހެލުންތަކާ، އަލިފާން ފަރުބަދަ ގޮވުމާ، ސުނާމީއަކީ އިންޑޮނޭޝިއާއަށް އާންމު ކަމެއް ނަމަވެސް، މި ކަމަށް އެގައުމުގެ ރައްޔިތުންގެ ލޯ ހުޅުވުނީ 2004 ވަނަ އަހަރު މުޅި ދުނިޔެ ސިއްސުވާލި ވަރުގަދަ ސުނާމީ ކާރިސާއަށް ފަހުގައެވެ.
އިންޑޮނޭޝިއާގެ ވެރިކަން ކުރާ ރަށް، ޖަކާޓާއިން ބޯނިއޯއަށް ބަދަލުކުރަން ހަމަޖެހިފައިވާކަން އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ އިއުލާން ކުރެއްވި ހުސްވި އަހަރުގެ ތެރޭގައެވެ.