ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ދޭ ހިދުމަތައް އީމެއިލް މެދުވެރިކޮށް ދޭން ނިންމައިފިއެވެ.

ބީއޯސީން ބުނީ މި ހާލަތުގައި ބޭންކުގެ ހިދުމަތްތައް ހޯދުމަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

އެގޮތުން އީ-ކޭޝްގެ ހިދުމަތްތައް ހޯދުމަށް [email protected] އަށް މެއިލް ކުރުމަށް އެދިފައިވެއެވެ. ސެޓްލްމެންޓްތައް ހެދުމަށްޓަކައި [email protected] އަށް މެއިލްކޮށްގެން ހިދުމަތް ލިބޭ އިރު މުސާރަ ޖަމާ ކުރުމަށްޓަކައި [email protected] އީމެއިލް ކުރުމުން އެ ހިދުމަތް ލިބޭނެ ކަމަށާއި ހިދުމަތް ހޯދަން މެއިލްކޮށް ހިދުމަތް ނުލިބޭ ނަމަ، އެ ހިދުމަތް ހޯދުމަށް އެދުމަށް ބީއޯސީން އެދެއެވެ.

ބީއޯސީގެ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލުމާތު ސާފުކުރަން ބޭނުން ނަމަ 7782347 އަށް ގުޅައިގެން އޮޅުން ފިލުވޭނެ ކަމަށާއި ކްރެޑިޓް އެންޑް މޮރިޓޯރިއަމްއާ ގުޅޭ މައުލުމާތު ހޯދުމަށް 7789600 ނުވަތަ 7529600 އަށް ގުޅުމަށް އެ ބޭންކުން ވަނީ އެދިފައެވެ.

ބީއޯސީގެ ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމާފައިވާ އިރު ބޭންކުގެ މުވައްޒަފަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 86 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. އޭގެތެރޭގައި 13 ބިދޭސީންނާއި ތިން ދިވެހިން ހިމެނެއެވެ.