ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން، ތާރީހު ނުދެކޭވަރުގެ ނުރައްކާ ދަރަޖައަކަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ބަނޑުހައިހޫނުކަން ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު އދއިން ދީފިއެވެ.

އދގެ ކާބޯތަކެއްޗާ ބެހޭ މަޝްރޫއު ނުވަތަ ވާލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއު.އެޗް.ޕީ)ގެ އިސްވެރިޔާ ޑޭވިޑް ބީޒްލީ ވިދާޅުވީ، ބަނޑުހައިހޫނުކަމުގެ ކާރިސާއިން ސަލާމަތްވުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހިފައިވާކަމަށެވެ.

އދއިން އެކުލަވާލާފައިވާ ރިޕޯޓެއް ލަފާކުރާ ގޮތުގައި ބަނޑުހައިހޫނުކަމުގެ ވޭން ތަހައްމަލުކުރަމުންދާ މީހުންގެ އަދަދު 135 މިލިއަން އިން 250 މިލިއަނަށް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

އަފްގާނިސްތާނުގައި ރެފިއުޖީ ހާލުގައި ދިރިއުޅެމުންދާ ކުޑަކުދިންތަކެއް/ފައިލް ފޮޓޯ: އޭއެފްޕީ

ޑަބްލިއު.އެފް.ޕީއިން ބުނާ ގޮތުގައި ބަނޑުހައިހޫނުކަމުގެ ކާރިސާގެ ނުރައްކާ އެންމެ ބޮޑު 10 ގައުމަކީ ހަނގުރާމައާ، އިގުތިސޯދީ ކާރިސާގެ އިތުރުން މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު ތަހައްމަލު ކުރަމުންދާ ގައުމުތަކެވެ.

އދގެ ސަލާމަތާ ބެހޭ މަޖިލީހުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކުރައްވާ ވާހަކަ ދައްކަވަމުން ބީޒްލީ ވިދާޅުވީ، ބަނޑުހައިހޫނުކަމުގެ ގޮތުން ތާރީހު ނުދެކޭ ވަރުގެ ބޮޑެތި ކާރިސާތަކެއް މަދު މަސްކޮޅެއްގެ ތެރޭގައި ކުރިމަތިވެގެން ހިނގައިދާނެ ކަމަށާ، ހަގީގަތަކީ މިކަމުގައި، 'ވަގުތު' އޮތީ އަޅުގަނޑުމެންނާ އެކުގައި ނޫންކަމަށެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހިލޭ ސާބަހަށް ކާބޯތަކެތޮ ފޯރުކޮށްދޭ މަރުކަޒެއްގައި ޖޫސް ބެހުމުގެ މަސައްކަތުގައި މީހަކު ހަރަކާތްތެރިވަނީ/ފޮޓޯ: އައި.އޭ.އެން.އެސް

ޑަބްލިއު.އެފް.ޕީގެ އިސް އިކޮނޮމިސްޓެއް ކަމަށްވާ އާރިފު ހުސައިން ވިދާލުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސަރު، އެތައް މިލިއަން ބަޔަކަށް ކުރާނެ ކަމަށާ، އެމީހުންނަކީ މިހާރުވެސް 'ހިމަ ރޮދިފަށެއް'ގެ ބާރުގައި ތިބި ބައެއް ކަމަށެވެ. އެގޮތުން އެތައް މިލިއަން މީހުންނަކީ އާމްދަނީއެއް ލިބިގެން ނޫނީ ކައިބޮއި ހެދޭނެ ބައެއް ނޫންކަންވެސް އާރިފް ހުސައިން ވަނީ ފާހަގަކުރައްވާފައެވެ.

ގްލޯބަލް ރިޕޯޓް އޮން ފުޑް ކްރައިސަސްގެ 4 ވަނަ އަދަދު ބުނާ ގޮތުގައި، މި ނުރައްކާ އެންމެ ބޮޑު ގައުމުތަކަކީ ޔަމަނު، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ، އަފްގާނިސްތާނު، ވެނެޒުއޭލާ، އިތިއޮޕިއާ، ދެކުނު ސޫދާން، ސޫދާން، ސޫރިޔާ، ނައިޖީރިއާ އަދި ހައިޓީއެވެ.