އައްޑޫސިޓީ ހިތަދޫގެ ސުވަރޭޖް ޕަންޕު ސްޓޭޝަނެއްގައި ބަޔަކު މީހުން ރޯކޮށްލާފައިވާ ކަމަށް އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
ސޯބެ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އެކަން ބަޔަކު ކުރީ އެތަނުން ދެމުން ދިޔަ ހިދުމަތްތައް މެދުކަނޑައިލުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ކަމަށާއި އެއީ ބަޔަކު މީހުން ގަސްދުގައި ކުރި ކަމެއް ކަމަށެވެ. އަދި ސޯބެ ވަނީ އެކަން ކުރި ބަޔަކު ހޯދާ އެމީހުންނަށް ގާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ގޮވާލައްވާފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، އައްޑޫސިޓީ ހިތަދޫ ފެނަކަ ޕަމްޕް ސްޓޭޝަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު 16:53 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ ތަނުގައި ރޯވި އަލިފާން ނިއްވާލާފައި ކަމަށެވެ.
އައްޑޫ ސުވަރޭޖް ޕަންޕު ސްޓޭޝަނެއްގައި ބަޔަކު ރޯކޮށްލާފައި ވާއިރު، އދ. މަހިބަދޫ ފަޅުތެރޭގައި އަޅާފައި ހުރި ފަސް ލޯންޗަކާއި ދެ ޑިންގީއެއްގައި މިދިޔަ ހަފުތާގައި ރޯކޮށްލާފައި ވެއެވެ. އަދި މި ލޯންޗުތައްވެސް އަންދާލާފައި ވަނީ ގަސްތުގައި ކަމަށް ބެލެވޭ ކަމުގައި ފުލުހުން ބުނެއެވެ.