އެސްޓީއޯއިން ދަނޑުވެރިންގެ އަތުން ގަންނަ ތަކެތީގެ ތެރޭގައި ކަރާ ނުހިމެނޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ ކުންފުނީގެ ވިސްނުން ހުރީ މި ވަގުތަށް ކާނާގެ ޔަގީންކަން ފޯރުކޮށް ދިނުމަށްޓަކައި ކޮންމެހެން ބޭނުންވާނެ ކަމަށް ނުވަތަ ފުޑް ސެކިއުރިޓީއަށް ބޭނުންވާނެ ތަކެތި ކަމަށާއި އޭގެ ތެރޭގައި ކަރާ ފަދަ ފޮނި ތަކެތި ނުހިމެނޭ ކަމަށެވެ.
ދަނޑުވެރިންގެ އަތުން ތަކެތި ގަތުމުގައި އިސްކަން ދޭނީ ފުޑް ސެކިއުރިޓީއަށް ބޭނުންވާ ތަކެއްޗަށް ކަމަށެވެ.
އެސްޓީއޯއިން ދަނޑުވެރިންގެ އަތުން ތަކެތި ގަންނަން ފެށުމުގެ ވިސްނުން ހުރީ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށާއި އޭގެ ކުރިން އެސްޓީއޯއިން ގަންނާނެ ތަކެއްޗާއި އެ ތަކެތި ގަންނާނެ އަގުތައް އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓޯއިން ގަންނަ ތަކެތީގެ ތެރޭގައި ފަތްޕިލާވެލީގެ 11 ވައްތަރަކާއި މޭވާގެ 15 ވައްތަރެއް އަދި ތަރުކާރީއާއި އޮއްޓަރު ހުރި 37 ވައްތަރެއް ހިމެނޭ ކަން އެ ކޮމިޓީގައި ހާމަ ކުރެއްވިއެވެ. ނަމަވެސް އެއީ ކޮން ބާވަތްތަކެއް ކަމެއް ވިދާޅެއް ނުވެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ދިވެހި އިގްތިސާދު ބިނާވެފައިވާއިރު، ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރު ހުއްޓި ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރި ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެއާއެކު އެހެން ސިނާއަތްތައް ކުރިއަރުވަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުންވެސް ވަނީ ބުނެފައެވެ.