މިފްކޯ އިން ގޭގެއަށް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ހުއްޓާލައިފިއެވެ.

މިފްކޯ އިން ބުނީ މިހާރު ހާލަތުހުރިގޮތުން މުވައްޒަފުންނާއި ކަސްޓަމަރުންގެ ސަލާމަތަށް ވިސްނާ ގޭގެއަށް ގެންގޮސްދިނުމުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށާއި އެ ކުންފުނިން ދެން ހިދުމަތްދޭނީ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށާއި އުޅަނދު ތަކަށް އެކަނި ކަމަށެވެ.

ނަމަވެސް ރަޖިސްޓާ ކޮށްފައިވާ ވިޔަފާރިތަކުން މިފްކޯގެ މާފަންނު ފިހާރަ އަދި ހުޅުމާލޭ ފިހާރައަށް ދިޔުމުން އެ ފަރާތްތަކަށް ހިދުމަތް ލިބޭނެ ކަމަށް މިފްކޯ އިން ބުނެއެވެ.

ފިހާރައިން ހިދުމަތް ދޭނެ ގަޑިއަކީ ހެނދުނު 9:30 އިން ހަވީރު ހަޔަކަށެވެ. ހިދުމަތް ހޯދުމަށް ފިހާރައަށްދާ ފަރާތްތަކުން ރައްކާތެރިވުމަށް މާސްކާއި އަންގި ބޭނުން ކުރުމަށް މިފްކޯ އިން ވަނީ އިލްތިމާސް ކޮށްފައެވެ

ހިދުމަތް ހޯއްދަން ދާއިރު ސިއްހީ ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއްވާފައިވާ ގައިދުރުމިން ގެންގުޅުމަށްވެސް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.

މާލެއިން ކޮވިޑް19 ގެ ކޭހެއް ފެނި، މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން މިފްކޯ އިން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފިހާރައަށް ނުގޮސް ހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް، ޑެލިވަރީގެ ހިދުމަތް އޭރު ފަށައިފައެވެ.

މިފްކޯ އިން ޑެލިވަރީގެ ހިދުމަތް މެދުކަނޑާލާފައިވަނީ މާލެއިން ބަލީގެ 62 ކޭހެއް ފެނިފައިވަނިކޮށެެވެ. ރާއްޖެއިން 82 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރޭގައި ބައެއް ވިޔަފާރިތަކުގެ ޑެލިވަރީ މުވައްޒަފުންވެސް ހިމެނެއެވެ.