މާލޭ ލޯކަލް މާރުކޭޓުގައި ހުރި ތަކެތި ކުނިވާތީ އެތަން ހުސް ކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ ލޯކަލް މާރުކޭޓުގައި ހުރި ތަރުކާރީ އާއި މޭވާތައް ގަންނާނެ މީހެއް ނުވެ ވިއްކަން ގެނެސްފައި ހުރި އެކި ބާވަތްތައް ކުނިވަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެތަކެތި ވެރި ފަރާތްތަކާ ހަވާލުކޮށް ލޯކަލް މާރުކޭޓު ހުސް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯން ކުރުމަށް ރާއްޖެ ލޮކްޑައުން ކުރުމާއި ގުޅިގެން، ތަކެތި ގަންނަންދާ މީހުން ނެތި، ލޯކަލް މާރުކޭޓުގައި ހުރި ވިޔަފާރިވެރިން ވަނީ ބައެއްް ތަކެތި ކުނިވެގެން އުކާލާފައެވެ. މޭވާ އާއި ތަރުކާތީތައް ގަންނާނެ މީހެއް ނުވެ ކުނި ވުމާއެކު މޫދަށްވެސް ބައެއް ތަކެތި އުކާލި ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭ ލޯކަލް މާރުކޭޓުން ހިދުމަތް ދޭ ގަޑިތަކަށްވެސް ބަދަލު ގެނެސް ހެނދުނު 6:00 އިން ހަވީރު 16:00 އަށް ވިޔަފާރި ކުރުމުގެ ހުއްދަ ދީފައި ވަމީ ކުރީކޮޅެވެ. ނަމަވެސް މިހާރު ވަނީ އެއްކޮށް ބަންދުކޮށްފައެވެ.

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ހިމެނޭ ސަރަހައްދަކީ މާލޭގައި ވިޔަފާރި އެންމެ ގިނައިން ކުރާ ސަރަހައްދެވެ. ހާއްސަކޮށް ރޯދަމަހު މި ދެ މާރުކޭޓުގައި ވިޔަފާރިތައް ގިނައެވެ.