މާކެ ވޯޓާ އެންޑް ސިވެރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ ސަޕްލައި ފެން ބުއިމަށް ރައްކާތެރިވާނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އެ ކުންފުނިންގެ ގޭގެގެ ފެން މީޓަރާ ހަމައަށް ފޯރުކޮށްދޭ ސަޕްލައި ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އަދި އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ފެނެއް ކަމަށެވެ. އަދި މި ފެނަކީ ބުއިމަށް ރައްކާތެރި ފެނެއް ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އެ ކުންފުނިން އުފައްދާ ފެނުގެ ކުއަލިޓީ އެ ކުންފުނީގެ އައިއެސްއޯ 17025 އެކްރެޑިޓެޑް ލެބޮރޭޓަރީން ކޮންމެ ދުވަހަކު ޓެސްޓު ކުރާ ކަމަށެވެ.

ފެން ކުންފުނިން މިހެން ބުނެފައި މިވަނީ ކޮރޯނާ ވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19 ރާއްޖޭގައި ވެސް ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރެއްގައެވެ. އެގޮތުން މާލެ ސަރަހައްދުން 15 ކޭސް މިހާތަނަށް ފެނިފައިވާއިރު، މާލެ ސަރަހައްދު ރެޑް އެލާޓަށް ގެނެސް ވަނީ ލޮކްޑައުންކޮށްފައެވެ.

މާލެ ލޮކްޑައުން ކުރުމާގުޅިގެން ގިނަ ބަޔަކު ގޭގައި ތާށިވެ، ފެނާއި ކާނާ އަދި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ދަނީ ގެއަށް ޑެލިވާ ކުރުވަމުންނެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ޑެލިވަރީތަކަށް އޯޑާ ކުރުމާ ގުޅިގެން ބައެއް ފަރާތްތަކަށް ގިނަ ވަގުތުތަކެއް އިންތިޒާރު ކުރަން ޖެހެއެވެ.

މި ދަނޑިވަޅުގައި މިނެރަލް ވޯޓާ ނުލިބުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވާއިރު، އެމްޑަބްލިއުއެސްސީން މިވަނީ އެ ކުންފުނީގެ ފެނަކީ ބުއިމަށް ވެސް ރައްކާތެރި ފެނެއް ކަން ހާމަކޮށްފައެވެ. މީގެ އިތުރުން، ސަޕްލައި ފެނުގައި ރަހައެއް ދޭތީ އެއީ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވާއިރު، ސަޕްލައި ފެން ހޫނު ކުރުމަށްފަހު ފިނި ކުރުމުން އެކަން ހައްލުކޮށްދެއެވެ.