އެޗްޕީއޭގެ ހުއްދަ ނުނަގާ ރިސޮޓު މުވައްޒަފުން ގޮވައިގެން ސ. ހިތަދޫއަށް ދަތުރުކުރި ލޯންޗުގެ ކެޕްޓަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، ކޮވިޑް-19އާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށްފައިވާ ދަނޑިވަޅުގައި އެޗްޕީއޭއިން ކޮށްފައިވާ އިއުލާނާ ހިލާފަށް ސ. ހިތަޑޫއަށް ލޯންޗެއް ދަތުރުކޮށްފައިވާ ކަމަށެވެ. ދައުލަތުގެ އެއްވެސް އިދާރާއެއްގެ ހުއްދައެއް ނުނަގާ ރޮސޯޓު މުވައްޒަފުންގޮވައިގެން ސ. ހިތަދޫއަށް ލޯންޗު ގޮސްފައިވަނީ މިއަދު ހެންދުނު 8:15 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެހެންކަމުން އެ ލޯންޗު ދުއްވަން އިން ކެޕްޓަން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮވިޑް- 19 އަށް މާލެއިން ޕޮޒިޓިވް ކޭސް ފެންނަން ނެށުމާއެކު މާލެ ލޮކްޑައުންކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އަދި މުޅި ރާއްޖެ ލޮކްޑައުންކޮށްފައި ވަނީ އިއްޔެ އިރުއޮއްސި 6:00 ގެ ފަހުންނެވެ.

އެގޮތުން ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށާއި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެ ނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުމާއި ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެއެޅުން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. ވަކިން ހާއްސަކޮށް ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި މާހެފުމާއި ދަތުރުދިއުމާއި މޫދަށް އެރުމާއި ކުޅިވަރުކުޅުމާއި އިޖުތިމާއީ އެނޫން ހަރަކާތްތައް ބޭއްވުން ވެސް ހުއްޓައިލުމަށް ވަނީ އަންގާފައެވެ.