ޕޮޒިޓިވް ކޭސްއަކާ ނުވަތަ ކޭސްތަކާ ކޮންޓެކްޓް ވި މީހަކު ނުވަތަ ބަޔަކު ހޯދުމަށް ގޮވާލަންޏާ ގޮވާލާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އޮފިޝަލް އެކައުންޓުން ކަމަށް ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ޕޮޒިޓިވްވި ފަރާތަކުގެ ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ މި ދަނޑިވަޅުގައި އެ ފަދަ ފަރާތްތަކުގެ މައުލޫމާތު ހާމަ ކުރުމަށް އެޗްޕީއޭއިން އެދޭނީ ސޯޝަލް މީޑިއާގައި އެ ފަރާތުން ބޭނުން ކުރާ އެކައުންޓު މެދުވެރިކޮށް ނުވަތަ ސަރުކާރުން އެފަދަ މައުލޫމާތު ހޯދުމަށް އޮންނަ އުސޫލެއްގެ ދަށުން ކަމަށެވެ. ހަަމައެއާއެކު މި ދަނޑިވަޅުގައި ރައްޔިތުންގެ ފަރާތުން އެފަދަ މައުލުމާތު ހޯދަން މަސައްކަތް ކުރާ ފަރާތަތަކަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ގޮވާލާފައެވެ.

އެޗްޕީއޭއިން މިފަދައިން އެދިފައި ވަނީ މާލެއިން ޕޮޒިޓިވްވި ކޭސްއަކާ ގުޅުން ހުރި ކޮންޓެކްޓް ޓްރޭސިންގް ދެނެގަތުމަށް ސޯޝަލް މީޑިއާގައި މަސައްކަތް ކުރަމުންދާ ކަމަށް ބުނާ ލިޔުންތަކެއް ދައުރުވަމުން ދަނިކޮށެވެ. އެ ލިޔުމުގައި ބުނާ ގޮތުގައި ވޭތުވެ ދިޔަ 14 ދުވަސްތެރޭ މާލޭ ބަނދަރުމަތީގައި ހުންނަ ލިލީ ސްޓޯރަށް ދިޔަ ފަރާތެއް ހުރިނަމަ ވީ އެންމެ އަވަހަކަށް އެކަން އެންގުމަށް އެދި އެ ފަރާތުގެ ދެ ނަންބަރަކަށް ގުޅުމަށް އެދިފައި ވެއެވެ.

އެގޮތުން ވޭތުވެދިޔަ 14 ދުވަސްތެރޭގައި ބަނދަރުމަތީގައި ހުންނަ ލިލީ ސްޓޯރަށް ދިޔަ ފަރާތްތެއް ނަމަ އެކަން ރިޕޯޓުކުރަން ގުޅާނީ 7909653 އާއި 7889748 ނަންބަރަށެވެ. ނަމަވެސް މި ދެ ނަންބަރު އޮންނަނީ ނިއްވާލާފައެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާއަށް މާލެއިން 14 މީހުން ޕޮޒިޓިވް ވެފައިވާ އިރު އޭގެތެރޭގައި ލިލީގައި މަސައްކަތްކުރާ ފަރާތެއް ހިމެނެއެވެ. އެއީ ކޭސް 27 އެވެ. އޭނާގެ ކޮންޓެކްޓް ޓްރޭސިންގް ދެނެގަތުމަށް މަސައްކަތް ކުރަމުން ދާއިރު އެ ކޭސްއާ ގުޅުން ހުރި ހަތަރު ފަރާތެއް ވަނީ ފެނިފައެވެ. އެގޮތުން ކޭސް 27 އާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވަނީ ކޭސް 29 އާއި ކޭސް 30 އާއި ކޭސް 34 އެކެވެ. އަދި މިއަދު ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކު، ކޭސް 32 ގެ ގޮތުގައި ވަނީ ޕޮޒިޓިވް ވެފައެވެ. އޭނާއަކީ މިއަދު ޕޮޒިޓިވްވި ކޭސް 30 ގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. އޭނާއަކީވެސް ލިލީގެ މުވައްޒަފެއްކަން ވަނީ އެނގިފައެވެ.