ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ހިމަނައިގެން ދުވާލެއްގެ މައްޗަށް އެތައް މިލިއަން ފޭކު އީމެއިލް ފޮނުވުމުގެ މަސައްކަތް ސްކޭމަރުން ކުރަމުންދާކަން ގޫގްލްއިން ހާމަކޮށްފިއެވެ.

ގޫގްލްއިންވަނީ ދުވާލެއްގެ މައްޗަށް މިފަދަ 18 މިލިއަނެއްހާ އީމެއިލް ހުއްޓުވާފައިވާކަމަށް ބުނެފައެވެ.

ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ ވަރުގަދަ އެއް ކުންފުނީގެ ގޮތުގައި އޮތް ގޫގްލްއިން ބުނީ، ކޮވިޑް-19އާއެކު 'ފިޝިންގް ހަމަލާ'ތައް އިތުރުވެފައިވާކަމަށާ، އެގޮތުން ޔޫޒާއަށް އޮޅުވާލައިގެން އޭނާގެ ޒާތީ މައުލޫމާތު އެއްކޮށް، ލީކުކުރުމުގެ އަމަލު ހިންގަމުން އަންނަ ކަމަށެވެ.

ގޫގްލްއިން ބުނީ ދުވާލެއްގެ މައްޗަށް 100 މިލިއަނެއްހާ ފިޝިންގް އީމެއިލް ހުއްޓުވަމުންދާކަމަށާ، ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ބަލާއިރު، މީގެ ތެރެއިން 5 ބައިކުޅަ 1 ބައި ސްކޭމް މެއިލްތަކަކީ ކޮވިޑް-19އާ ގުޅޭ މެއިލްތައް ކަމަށެވެ.

ގޫގްލްގެ އީމެއިލް ހިދުމަތް ނުވަތަ ޖީމެއިލް ބޭނުންކުރާ މީހުންގެ އަދަދު 1.5 ބިލިއަނަށް އަރައެވެ.

ގޫގްލް އެކައުންޓްތަކަށް ފޮނުވާ ހަގީގަތެއް ނެތް އީމެއިލްތަކުގެ ތެރޭގައި، ކަމާ ގުޅުން ހުރި ފަރާތެއް، މިސާލަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އަށް ވެގެން ފޮނުވާ އީމެއިލްތައް ހިމެނެއެވެ. އެގޮތުން ޔޫޒާއަށް އޮޅުވާލައިގެން އެޕްލިކޭޝަން ޑައުންލޯޑް ކުރުވާ، ތަފާތު އެކި ނަންނަމުގައި ފަންޑުތަކަށް ފައިސާ އެއްކުރުން ފަދަ އަމަލުތައް ހިންގަމުންދެއެވެ.

މީގެ އިތުރުން، ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުތަކުން ތައާރަފުކުރަމުންދާ އެހީގެ ޕެކޭޖުޖުތަކުގެ ނާޖާއިޒު ފައިދާ ނެގުމުގެ މަސައްކަތް ސައިބާ-ޖިނާއީ ކުށްވެރިންވެސް ދަނީ ކުރަމުންނެވެ.

ގޫގްލްއިން ބުނާ ގޮތުގައި، މިފަދަ 99.9 ޕަސެންޓް އީމެއިލް ހުއްޓުވާލުމުގެ ގާބިލުކަން މެޝިން-ލާނިން ޓޫލްތަކަށް ލިބިގެންވެއެވެ. ކަންމިހެން އޮތްނަމަވެސް، މިއީ މުޅިން ހުއްޓުވާލެވޭ ކަންކަމަށް ނުވުމުން، މިކަމުގައި، އެކައުންޓް ބޭނުންކުރާ ފަރާތުގެ ޒިންމާއެއްވެސް އޮތްކަން ގަބޫލުކުރަންޖެހެއެވެ.