ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި ދެކުނު ކޮރެއާގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގައި ވޯޓުގައި، އެގައުމުގެ ތާރީހުގައި ފާއިތުވީ 28 އަހަރުގެ މުއްދަތުގައި ކުރިއަށް ގެންދިޔަ އިންތިހާބުތަކުގައި ބައިވެރިނުވާހާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، ވޯޓު ދިން ކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.
އިއްޔެގެ އިންތިހާބާ ގުޅިގެން ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރައީސް މޫން ޖޭއި-އިންގެ ޑިމޮކްރަޓިކް ޕާޓީއަށް ވަނީ، މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 180 ގޮނޑި ކަށަވަރުވެފައެވެ. މިއާއެކު އެ ޕާޓީއަށް 60 ގޮނޑީގެ ކުރިއެރުމެއްވެސް ލިބިފައިވާކަމަށް ޚަބަރު ލިބެއެވެ. ރަސްމީ ނަތީޖާ ލިބޭ ވަރުވާނީ މިއަދުގެ ވަގުތެއްގައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ވޯޓުގައި 66.2 ޕަސެންޓް މީހުން ވޯޓުދީފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. މިއާ އެންމެ ގާތް ކުރާ އަދަދަކަށް ވޯޓު ދީފައިވަނީ 1992 ވަނަ އަހަރުއެވެ. އެ ފަހަރުގެ އިންތިހާބުގައި 71.9 ޕަސެންޓް މީހުން ވޯޓު ދިން ކަމަށް ވަނީ ރެކޯޑްކޮށްފައެވެ.
އިއްޔެގ އިންތިހާބާ ދިމާކޮށް ދުރާލާ ވޯޓުދިން މީހުންގެ އަދަދު އިތުރުކަންވެސް މީޑިއާއިން ފާހަގަކުރެއެވެ. ކޮވިޑް-19އާ ގުޅިގެން މޫންގެ ސަރުކާރުން އަމަލުކުރި ސިޔާސަތުތަކާއެކު، އެ ޕާޓީގެ މަގުބޫލުކަންވަނީ އެގައުމުގައި އިންތިހާއަށް ބޮޑުވެފައެވެ.
ކޮވިޑް-19އަށް ދެކުނު ކޮރެއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 10500 އަށް އަރާފައިވީނަމަވެސް، މޫންގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ތައުރީފުކުރާ މީހުން މަދެއް ނޫނެވެ. އެގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 7500 އެއްހާމީހުންވަނީ ރަނގަޅުވެސްވެފައެވެ.
ފަސޭހައިން ގައިންގަޔަށް އަރާ ބަލިމަޑުކަމެއްގެ ތެރޭގައި ދެކުނު ކޮރެއާގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ސަލާމަތީ ފިޔަވަޅުތަކާވެސް އެކުގައެވެ. ވޯޓުލާން ދިޔަ މީހުން ސްޓޭޝަންތަކަށް ދިޔައީ މާސްކު އަޅާ، އަންގިވެސް ލައްވައިގެންނެވެ. ވޯޓުލާ ބޫތުތައްވެސް ޑިސްއިންފެކްޓްކުރަމުންދިޔަކަން ފާހަގަކުރެވެއެވެ. ދެކުނު ކޮރެއާގެ ކެމްޕޭންތަކަކީ މީގެ ކުރިން ފޯރިގަދަ ކެމްޕޭންތަކެއް ނަމަވެސް، މިފަހަރުގެ ކެމްޕޭންތަކުގައި މާ ބޮޑު ފޯރިއެއް ނަގާފައެއްވެސް ނުވެއެވެ.