ގޭގެ ތިރިއަށް ކުނި ބާލައި ދޮރުކައިރީ މަގުމަތީގައި ބަހަށްޓައި ދިނުމަށް ވެމްކޯއިން އެދިއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖާ މުހައްމަދު ޝާން ވިދާޅުވީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ކަސްޓަމަރުން ކޮންމެ ދުވަހެއްގެ 12:00 އިން 14:00 އަށް ކުނި ތިިރިއަށް ބޭލުމަށް އެދޭ ކަމަށެވެ.

ކުނި ބަންދު ކުރާއިރު ޑަބަލް ކޮތަޅަށް ލުމަށް ޝާން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"އެލީވޭ އެއް ވެއްޖެއްޔާ އެލީވޭ އިން ބޭރަށް ނެރެފައި ބަހައްޓާ ދެއްވާށޭ. އަޅުގަނޑުމެންގެ ޓީމު ގޮސް އެ ކުނިތައް ބަރާބަރަށް ނަގަމުން ދާނެ" ޝާން

މީގެ އިތުރުން ތޫނުތަކެއްޗާއި ތެޅިފައި ހުންނަ ތަކެތި ކަރުދާހަށް ލައި ވަކިން ޕެކް ކުރުމަށްފަހު ކުނިކޮތަޅު ތެރެއަށް ލުމަށާއި ކުނި ކޮތަޅަށް އަޅާއިރު ކޮތަޅުގެ ހަތަރު ބައިކުޅަ ތިންބަޔަށްވުރެ ގިނައިން ކުނި ނޭޅުމަށްވެސް ޝާން ވަނީ އިލްތިމާސް ކުރައްވައިފައެވެ. މިހާލަތުގައި އައިސޮލޭޝަންގައި ހުރި ގޭގޭގެ ކުނި ނެގުމަށް އެކަމަށް ހާއްސަ ޓީމުތަކުން އެގޭގެއަށް ދާނެކަމަށާއި އެފަދަ ގޭގޭގެ ކުނި ބޭރަށް ނުނެރުމަށް އެދޭކަމަށްވެސް ޝާން ވިދާޅުވިއެވެ.

"މިދުވަސްވަރަށް ގުޅޭގޮތުން ތަމްރީނުތައް ދެވިފައިވަނީ. މުވައްޒަފުން މަސައްކަތަށް ނިކުންނާނީ ޓެމްޕަރޭޗާ ޗެކް ކުރެވި އެބޭފުޅުންނަސް ހާއްސަ ޕީޕީއީ އާއެކު" ޝާން

ވެމްކޯ އިން ބުނީ އެކުންފުނީގެ ކޯލް ސެންޓަރު 1666 ގެ ހިދުމަތް ހެނދުނު 10 އިން ހަވީރު ހަތަރަށް ދޭނެ ކަމަށެވެ. އަދި ކޮމާޝަލް ކަސްޓަމަރުންނަށް ހިދުމަތްދޭނީ ހެނދުނު ނުވަޔަކުން މެންދުރު އެކަކަށް ކަމަށް ވެމްކޯ އިން ބުނެއެވެ.

މިއަދުން ފެށިގެން ކުނި އުކުމުގެ މަސައްކަތް ފެށުމަށް ވެމްކޯއިން ނިންމާފައި ވާއިރު، ވެމްކޯ އިން ދެމުން ދިޔަ ހިދުމަތްތައް އިއްޔެ މެދުކަނޑާލީ ކޮވިޑް-19 ގެ ބަލި މީހަކު ފުރަތަމަ ފަހަރަށް މާލެއިން ފެނުމާ އެކު، ކަމާ ގުޅޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން މަގުމަތީގެ ހަރަކާތްތައް މަދުކުރުމަށް ކަމަށާއި ނަމަވެސް އެންމެ ގޯސް ހާލަތުގައި ވެސް ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.